March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފާޑުކިޔުންތަކާއި ދެކޮޅަށް ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް ހުއްދަކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 1, 2025, 01:58 AM
މާލެ ސިޓީ

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށް، އެ ބާވަތުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް މިއަދު ހުއްދަކޮށްފި އެވެ.

Advertisement

މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ބަދަލު ގެނެސް އެ ގަވާއިދު 6:27 ގައި ވަނީ ގެޒެޓުކޮށް އަމަލު ކުރަން ފަށައިފަ އެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި ނަމަ އެ އާއިލާގެ މިޔަރު ނިކަން އަވަހަށް ނެތިގޮސްދާނެ ކަމަށެވެ.

އޯގަސްޓު 26، ގައި ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް އިއުލާނު ކުރެއްވާފައެވެ.

ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް (ސައިޓީސް) ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

ރައީސް މުއިއްޒު އަންނަނީ ޖަމާއަތްތަކުންނާއި އެހެނިހެން ތަޖުރިބާ ހުރި ގައުމުތަކުން ދެއްވާ ލަފާތައް ގަބޫލުނުކުރައްވާނެ ކަން ސިފަވާ ގޮތަށް އެކި ކަންކަމުގައި މީގެ ކުރިންވެސް ވާހަކަ ދައްކާ ރައްދު ދީފައެވެ.

ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved