ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އަންހެން ސާފިން ޗެމްޕިއަންކަމުގެ މަގާމު އުމުރުން އެންމެ 8 އަހަރުގެ އާލިޔާ ލަތީފް މިއަދު ހޯދައިފި އެވެ.
އާލިޔާ މި ޝަރަފު ހޯދީ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެންބައިގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލް ހީޓުގައި ވާދަކޮށް 10.23 ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ ފައިނަލް ހީޓުގައި ވާދަކުރި ތިންވަނަ ރާޅަށް 4.23 ޕޮއިންޓް ހޯދައި އާލިޔާގެ ހަވަނަ ރާޅުގައި ހަ ޕޮއިންޓް ސްކޯ ކޮށް އާލިޔާ ވަނީ ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ބާއްވާ މުބާރާތެއްގައި ޖޫނިއާ އަންހެން އިވެންޓް ބޭއްވި ފުރަތަމަ ފަހަރުގައި ބޮޑު ޝަރަފެއް ހޯދާފައެވެ.
އަންހެން ބައިގެ ދެވަނަ އަށް ދިޔައީ ޖުމްލަ 7.67 ޕޮއިންޓް ލިބުނު އައިޝާ ތާރާ ވާސިފަށެވެ. ތިންވަނައަށް ދިޔަ އަލައިކާ އަބްދުލް އަލީމަށް 3.86 ޕޮއިޖންޓް ލިބުނެވެ. މަރިޔަމް ޒޯހާ މާދިހަށް އެ ހީޓުން ލިބުނީ 0.93 ޕޮއިންޓެވެ.
މުބާރާތުގައި ދެން ކުރިއަށް ގެންދިޔައީ ފިރިހެން 18 އަހަރުން ދަށާއި 16 އަހަދުން ދަށް އަދި 14 އަހަރުން ދަށުގެ އިވެންޓެވެ.