ރޭ ރާއްޖޭގައި ފެށި ބޮޑީ ބިލްޑީން މުބާރާތާއި ގުޅިގެން އެ ޖަމިއްޔާއަށް އަމާޒުވި ފާޑުކިޔުންތަކާ އެއްކޮށް، އެކަމަށް ބޮޑީބިލްޑިން އެސޯސިއޭޝަނުން މިއަދު މައާފަށް އެދިއްޖެ އެވެ.
ދެ ޖިންސްގެ މީހުން ވާދަކުރާ ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕަކީ، މުބާރާތުގެ ބައިވެރިންގެ ހަށިގަނޑު ވަރަށް ބޮޑަށް ހާމަކޮށްގެން ބާއްވާ މުބާރާތެކެވެ. މިއީ ރާއްޖޭގައި މިފަދަ "އޮރިޔާން" މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސަރުކާރަށްވެސް އަންނަނީ ފާޑުކިޔަމުންނެވެ.
ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުން ކީރިތި ގުރުއާނުގެ ބަރަކާތުން މި މުބާރާތް ފަށާފައިވާއިރު، ނިވާކަން ކުޑަގޮތަކަށް އަންނެނުންނާއި ފިރިހެނުން އެކުގައިވެސް ހުށަހެޅުންތައް ހުށަހަޅާފައިވެ އެވެ. އަދި ވަނަ ތަކަށް ދާ ފަރާތްތަކަށް މެޑަލް ދިނުމާއި ހަފްލާގެ އެންމެހާ އިންތިޒާމުތަކުގައި ގިނައިން ހަރަކާތްތެރިވީ ދިވެހިންނެވެ.
ބޮޑީބިލްޑިން އެސޯސިއޭޝަން، ބީބީއޭއެމް އިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ކެނަރީފް ރިސޯޓްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ބިޑް ކުރީ ރާއްޖޭގެ ޕްރޮފައިލް ރަނގަޅުކޮށް، ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމް އަށް ލިބޭ ފައިދާތަކަށް ވެސް ވިސްނައިގެން ކަމަށެވެ. އަދި މި އަހަރު މި މުބާރާތް ބާއްވަން ފުރުސަތު ލިބިގެންދިޔައީ ވަރަށް ދުރާލާ މަސައްކަތްކޮށްގެން ކަން ވެސް ބީބީއޭއެމް އިން ފާހަގަކޮށްފައިވެ އެވެ.
"އަދި ދަންނަވަމެވެ. ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން އިރުޝާދު ދެއްވާފައިވާ ގޮތަށް މުބާރާތް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު މުބާރާތާ ގުޅޭގޮތުން ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން އާއްމުންގެ ކަންބޮޑުވުން ހުރުމާއެކު، ރައީސް އާއި ރައްޔިތުންގެ ކިބައިން މާފަށް އެދެމެވެ،"
ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބާއްވާފައި ވަނީ އާންމުން ދިރިނޫޅޭ، އަދި ޓޫރިސްޓުން ރާއްޖެ އައިސް އެ މީހުންގެ ވައްޓަފާޅިއާ އެއްގޮތަށް އުޅުމުގެ ފުރުސަތު ދިނުމަށް ހުއްދަ ދީފައިވާ ކެނެރީފް ރިސޯޓުގައި ކަމަށެވެ.
އެ މުބާރާތް ރައީސްގެ ތަސައްވުރާއި ސްޕޯޓްސް މިނިސްޓްރީން ދިން އިރުޝާދުގެ ދަށުން ކުރިއަށް ގެންދަން މަސައްކަތް ކުރި ކަމަށާއި އެކަމަކު އެ މުބާރާތާ ގުޅިގެން ފެތުރެމުންދާ ޚަބަރުތަކާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން މާފަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި މުސްތަގުބަލުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.