

ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަ ކުށްވެރި ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް އިބްރާހިމް ސައީދު (ކޭޑު) ވަޒީފާއިން ވަކިކޮށްފިއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން އިބްރާހީމް ސައީދު ވަކިކުރިކަން އަންގާ ރައީސް އޮފީހުން މިއަދު ވަނީ ސިޓީ ފޮނުވާފަ އެވެ.
ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި ކުރިއަށްދިޔަ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" ބަހުސްގައި ފަލާހް ވިދާޅުވީ އޭނާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރުތަކެއް މީގެ ކުރިން ފަތުރާފައިވާ ކަމަށެވެ. ފަލާހް ވިދާޅުވީ މީޑިއާ ޖަލަށްލާންވީ ނޫން ކަމަށާއި އުލުބައިންދަންވީ ކަމަށެވެ.
ފަލާހްގެ ވާހަކައަށް ރައްދުދީ އިބްރާހީމް ސައީދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ "ނޫސްވެރިން އުލަށް އަމުނައި މަރާލަން ގޮވާލި މައްސަލަ ވެސް ބަލަންޖެހޭ" ކަމަށެވެ. އަދި ފަލާހް ދެކެ ބިރު ގަންނާނީ ޕީއެންސީގައި އުޅޭ "ރިހި ޓީމް" ކަމަށާއި ނޫސްވެރިން ބިރު ނުގަންނާނެ ކަމަށްވެސް އިބްރާހީމް ސައީދުގެ ޕޯސްޓްގައި ބުންޏެވެ.
ވަޒީފާއިން ވަކިކުރުމުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އިބްރާހީމް ސައީދު ބުނީ މަސްދަރު ހާމަކުރާ ބިލާ ދެކޮޅަށްވެސް ތެދުވީ ނޫސްވެރިން ކަމަށާއި މީޑިއާ ބިލް އޮތީ ގޯސްކޮށް ކަމަށެވެ.
ނޫސްވެރިން ތަޅައި ސުންނާފަތިކުރާ އިރު، ޖާހަތަށްޓަކައި އަނގައި ނުބުނެ ބިރުން ރިޒުގު ބަންދު ވާނެ ކަމަށް ދެކިގެން ތިބުމަށް ވުރެ މީޑިއާ ބިލްގައި ހުރި ކަންބޮޑުވުންތައް މާ ބޮޑުކަމަށް އޭނާ ބުނެފައިވެއެވެ.
އިބްރާހިމް ސައީދަކީ ކުރީގެ ނޫސްވެރިޔެކެވެ. އޭނާ ވަނީ ކުރިން ވެސް ނޫސްވެރިންގެ ހައްގުގައި ބަސްބުނެ މުޒާހަރާތަކުގައި ވެސް ހަރަކާތްތެރިވެފައެވެ.
މީޑިޔާ ކޮންޓްރޯލް ކުރުމަށް ސަރުކާރުން އުޅޭތީ
ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.