މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ހައިވޭގައި، އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ދެ ކާރު ޖެހި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައެވެ.
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 4:00 ޖެހާކަން ހާއިރު ކަމަށެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ އެއް އުޅަނދަކުން އަނެއް އުޅަނދު އޯވަޓޭކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ދެ އުޅަނދު ޖެހުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެކްސިޑެންޓުގައި ޖެހުނު ދެ ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.