ދިވެހިރާއްޖޭގައި ކަށި މިޔަރުގެ މަސްވެރިކަން މި ސަރުކާރުން ހުއްދަކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ނ.ވެލިދޫ ދާއިރާގެ މެންބަރު އައްބާސް އަހްމަދު ގަރާރެއް ހުށަހަޅައިފިއެވެ.
މިއަދުގެ ޖަލްސާގައި ހުށަހެޅި އެ ގަރާރުގައި ބަޔާންކޮށްފައި ވަނީ، މިޔަރު އާއިލާގެ މަސްތަކަކީ ލަހުން ދަރިމައިވާ އަދި ލަހުން ބޮޑެތިވާ މަސްތަކަކަށްވެފައި، އެ ބާވަތުގެ މަސްތަކަކަކީ ވިހާ ފަހަރެއްގައި ވަރަށް މަދުން ވިހާ މަސްތަކަކަށް ވާތީ މިޔަރަކީ ދެ އުމުރުފުރާގެ ދޭތެރެ ދުރު ސްޓޮކުގެ އުފެއްދުންތެރިކަން ދަށް އެއްޗެއް ކަމަށެވެ.
މީގެ އިތުރުން، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފިނަމަ، މިޔަރުގެ ބާވަތްތައް ހިމާޔަތްކޮށް މުޅި ދުނިޔެއަށް ރާއްޖެއިން ދައްކާފައިވާ ނަމޫނާއަށް ވެސް ނިމުން އަންނާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.
އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ދިވެހީންނަށް ލިބިފައި އޮތް ރީތި ނަން ހުތުރުވެގެންދާނެ ކަމަށް ވެސް އައްބާސް ފާހަގަކުރެއްވިއެވެ.
ކަށި މިޔަރަކީ ކަނޑުގެ ދިރުންތަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދިރުމަކަށް ވާއިރު، މިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފި ނަމަ، އޭގެ ސަބަބުން ކަނޑުގައި އުޅޭ އެހެން ދިރުންތަކަށް އޭގެ ނުރަނގަޅު އަސަރު ވަރަށް ބޮޑަށް ކުރާނެ. މަސްވެރި ކަމަށް ވެސް އޭގެ ސަބަބުން އަސަރު ފޯރާނެ
ކަށި މިޔަރުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުގައެވެ.