April 22, 2026
Advertisement
-
- / އެންސީބީ ނިއުސް

މަމްދާނީގެ ކާމިޔާބާއި އެކު މުސްލިމުންނަށް އާ އުއްމީދެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 5, 2025, 11:43 PM
މާލެ ސިޓީ

މުސްލިމުންނާއި އެންމެ ދެކޮޅު އެއް ގައުމު ކަމަށްވާ އެމެރިކާގެ ތާރީޚުގައި މިއަދަކީ ބޮޑު އަކުރުން ފަވާލެވޭނެ ދުވަހެކެވެ. އެ ގައުމުގެ ސްޓޭޓެއް ކަމަށްވާ ނިއުޔޯކްގައި ކުރިއަށްދިޔަ އެ ސްޓޭޓްގެ މޭޔަރުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް މުސްލިމެއް އިންތިޚާބުވެގެން ދިޔުމަކީ މުސްލިމުންނާއި ދެކޮޅަށް އަޑުއުފުލާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ހަޖަމް ކުރަން އުނދަގޫވެގެން ދިޔަ ކަމެކެވެ.

Advertisement

މި އިންތިހާބު ތާރީހީ ނަތީޖާއަކާ އެކު ނިމިގެން ދިޔައީ ޒޯހްރާން މަމްދާނީ ރަސްމީކޮށް ކާމިޔާބު ކުރައްވައި ނިއުޔޯކް ސިޓީގެ މެޖޯރިޓީ ވޯޓެއް ހޯއްދަވައިގެންނެވެ.

މިއާއިއެކު މިއީ އެމެރިކާގެ ސިޔާސީ މުސްތަގުބަލަށް އާ ބަދަލެއް ކަމަށް ގިނަ ބަޔަކު ދެކި މަމްދާނީގެ ކާމިޔާބީ ފާހަގަ ކުރުމަށް ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެފައިވެ އެވެ.

މި އިންތިޚާބު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތުން ބަލަމުން ގޮސްފައިވެއެވެ. މަމްދާނީގެ ސިޔާސަތުތަކަށް ޚާއްޞަކޮށް އިޖުތިމާޢީ އިންސާފާއި، ހަމަހަމަކަމާއި، މައިނޯރިޓީގެ ހައްޤުތައް ރައްކާތެރިކުރުމަށް މަމްދާނީ ފާޅުގައި ދައްކަވަމުން އައި ވާހަކަތަކަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސަމާލުކަން އޭނާއަށް ވަނީ ލިބިފައެވެ.

އޭނާގެ ކެމްޕޭނަށް ޒުވާންނާއި، ގިނަ އަދަދެއްގެ އިމިގްރެންޓުންނާއި ނިއުޔޯކަށް އާ މިސްރާބެއް ހޯދުމަށް އެދި ތިބި މީހުން މަސައްކަތް ކޮށްފައިވެއެވެ.

މަމްދާނީގެ ކާމިޔާބީގެ ތަގުރީރުގައި  ވިދާޅުވެފައި ވަނީ ލީޑަޝިޕަކީ ދީނާއި ނަސްލަކާއި އަޞްލަކުން ޙައްދުފަހަނަޅާފައިވާ ކަމެއް ނޫންކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. އޭނާއަކީ މުސްލިމެއްކަން ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއިރު، މި އައިޑެންޓިޓީއަކީ އަބަދުވެސް ސަރުކާރުގެ ނިންމުންތަކަށް އިންސާފުވެރިކަމާއި އޯގާތެރިކަމާއި އިންސާނިއްޔަތުކަން ގެނައުމަށް ބާރުއަޅާނެ އައިޑެންޓިޓީއެއް ކަމަށް ބުންޏެވެ. އޭނާ ވިދާޅުވީ މުސްލިމުންގެ މާނައަކީ ބައިބައިވުން ނޫން ކަމަށާއި އޭގެ މާނައަކީ ހުރިހާ ރައްޔިތުންނަށް ސުލްހައާއި އަމާންކަމާއި ކަރާމާތާއި އިންސާފު ހޯދުމަށް ތެދުވުން ކަމަށެވެ.

މީގެއިތުރުން، ނިއުޔޯކުގެ ބާރަކީ ތަފާތު ކަންކަމުގައި އެއްބައިވަންތަކަން ކަމަށް ވިދާޅުވެ ހުރިހާ ޖަމިއްޔާތަކަށް ޝުކުރު އަދާކުރެއްވި އެވެ. ނިއުޔޯކަކީ ރައްކާތެރި، ސާފު، އަމާންތަނަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން މަމްދާނީ ދީފައިވެއެވެ. މަމްދާނީ އަކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރައްވާ ސަހްޔޫނީންނަށް ފާޅުގައި ފާޑުކިޔަމުން އަންނަ ފަރާތެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved