ކޮންމެ ކަމެއްގައި ވެސް މި ސަރުކާރުގެ އަމަލުތައް ހުންނަނީ "އަމާ ބުނީތީ ފަރަށް ދާ" އުސޫލަށެވެ. މިއަދު މި ވާހަކަ އަނެއްކާ ވެސް ދައްކަންޖެހިފައި މިއޮތީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކަންތައް ކުރެއްވި ގޮތުންނެވެ.
ސަރުކާރުން ހިންގާ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލު ނުކޮށް ސަރުކާރުގެ ކުންފުނިތަކަށް ދޭތީ އެކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ. މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކަށް އެ ކުންފުނިތަކުގެ މަސައްކަތްތަކާއި އެއްވެސް ވަރަކަށް ނުގުޅޭ ކަންކަން ކުރަން ހަވާލުކުރާ ތަން ފެނި އެކަމުގައި ރައްޔިތުންގެ މަލާމާތާއި ފުރައްސާރަ ވެސް ސަރުކާރަށް އަމާޒުވިއެވެ.
އާރްޑީސީ އަކީ މަގު ހެދުމަށް އުފެއްދި ކުންފުންޏެއް ނަމަވެސް އެ ކުންފުންޏަށް ދާންވީ ކައިވެނި ކުރާ ފޯމު ހުށަހަޅަންތޯ ވެސް ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ސަބަބަކަށްވީ އެއާޕޯޓު ހިންގާ ކުންފުންޏަށް ފިޓްނެސް ސެންޓަރުތައް އަޅަން ހަވާލު ކުރުމެވެ. މިއީ ދެން ފުކެއް ބޮޑުވަރު ނޫންތޯއެވެ. މިއީ ހަމަ ސީދާ މަނީ ލޯންޑަރިންގެ އަމަލުތައް ހިންގުމަށް ސަރުކާރުން ދުރާލާ ރާވައިގެން ކުރާ ކަންކަމެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން މަޝްރޫއުތައް އަމިއްލަ ކުންފުނިތަކާ ހަވާލު ނުކުރާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީގައި އޮތް ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ބުރާސްފަތި ދުވަހަކީ ވަރަށް ބޮޑު ދުވަހެއްކަމަށެވެ. އާދެ 206 މަޝްރޫއު ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބާއްވާނެ ދުވަހެއްކަމަށް ވިދާޅުވުމުން ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ރައީސް މުއިއްޒު ވަރެއް ނެތިގެން އެމަނިކުފާނަށް ސަނާ ކިޔާ ހެދިއެވެ.
ޖުމްލަ 53 ކުންފުންޏަކާ މަޝްރޫއުތައް ހަވާލުކުރި އިރު ގިނައީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތަކެވެ. މިގޮތުން ބައެއް މަޝްރޫއުތަކާއި ހަވާލުކުރި ކުންފުނިތަކަށް ބަލާލާއިރު, ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއު ހަވާލުކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ ދަރިކަނބަލުންނާއި އޭނާގެ އަނބިކަނބަލުންގެ ކުންފުނިކަމަށްވާ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތް ވައިޓް ލިންކްސްއާ ހަވާލުކުރީ 139،295،700 (139.3) މިލިއަން ރުފިޔާ އަށެވެ.
ހައުސިން ޔުނިޓުތަކެއް އަޅަން ވައިޓް ލިންކްސް ކުންފުންޏާ ހަވާލުކުރިއިރު، އެ ކުންފުންޏަކީ މީގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން އެނގެން އެބަހުރިއެވެ.
ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުޅައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. އެ ދެ މަޝްރޫއުގެ އަގަކީ 71.5 މިލިއަން ރުފިޔާ އެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއުގެ އަގަކީ 157.3 މިލިއަން ރުފިޔާއެވެ.
މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑްއާ ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އަދި ފުޓްސަލް ކުޅެވޭ މަލްޓުޕާޕަސް ކޯޓަކާއި ރޮސްޓްރޮމްއަކާއެކު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމެވެ. އެ ދެ މަޝްރޫއުގެ އަގަކީ ތިން މިލިއަން ރުފިޔާ އެވެ. އިކޮނޮމިކް މިިނިސްޓްރީގެ ވެބްސައިޓުން އެނގޭ ގޮތުގައި މައިނާ ސްޕޯޓްސް ފީލްޑުގެ މެނޭޖިން ޑިރެކްޓަރަކީ ތޯރިގެވެ. އެ ކުންފުނި އޮތީ އުވައިލުމުގެ މަރުހަލާގައިކަން ވެސް އެ ވެބްސައިޓުން އެނގެ އެވެ.
މައިނާ ސްޕޯޓްސް އުވައިލަން ނިންމާފައި ވަނީ ކުރިން އަމަލުކުރަމުން އައި ކުންފުނީގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ށ. ގެ ދަށުން އަހަރުން އަހަރަށް ދައްކަންޖެހޭ ފީ ނުދައްކާ އޮތުމުންނެވެ.
ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު ބަހާލީ މެމްބަރުންގެ ކުންފުނިތަކަށެވެ.
މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.
މި ވައުދު ފުއްދޭނެ ވަރަށް ފައިސާ ނެތުމުން މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.
އަމާ ބުނީތީ ފަރަށް ދާ އުސޫލުން އަމިއްލަ ކުންފުނިތަކަށް މަޝްރޫއު ދޭން ގޮވާލުމުން ދިނީއެވެ. ދިން އިރު އެޔެއް މިޔެއް ބަލައެއް ނުލާކަން ވަރަށް ސާފެވެ.