ކަރަންޓުބިލުން އަންނަ ރޯދަމަހު ޑިސްކައުންޓު ދޭނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ކަރަންޓް ބިލު ބޮޑުވާ މައްސަލައަކީ މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ދިވެހި ރައްޔިތުން ހުއްޓުމެއްނެތި ކުރަމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއެވެ. ވަކީން ޚާއްސަކޮށް ރޯދަމަހާއި ދިމާކޮށް ކަރަންޓްބިލު ރޮކެޓެއްހެން އަރައިގެންދާ ވާހަކައަކީ ސޯޝަލް މީޑިއާތެރޭގައި އަބަދުހެން ދެކެވެމުން އަންނަ ވާހަކައެކެވެ.
ކަންމިހެންހުރި އިރުގައި، މިރޭ ސަރުކާރުން ރައީސް މުއިއްޒަށް ތާއީދު އޮތް ކަމަށް ދައްކަން ބޭއްވި ޖަލްސާގައި އަންނަ އަހަރުގެ ރޯދަ މަހުގައި ކަރަންޓް ބިލު 400ރ އަށް ވުރެ މައްޗަށް ނުދާނެ ކަމަށް މުއިއްޒު ވިދާޅުވުމާއި އެކު އާންމުންގެ ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
މިގޮތުން، ރޯދަ މަހު "ޑިސްކައުންޓް" އާއި އެކު ކުޑަ ކުރާ އަދަދު އެހެން މަސްމަހު ދެގުނަ ޖައްސާލުމުން އެއީ ރައްޔިތުންނަށް ހެޔޮ ނިޔަތެއްގައި ކޮށްދޭ ފަސޭހައެއް ނޫންކަމަށް ގިނަ ބަޔަކު ވަނީ ބުނެ ޝުއޫރު ފާޅުކޮށްފައެވެ.
ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް
މީގެ ކުރިންވެސް މި ސަރުކާރުން މިކަހަލަ ޑިސްކައުންޓްތައް ކަރަންޓް ބިލުން ދީފައިވާއިރު ޑިސްކައުންޓްގެ ގޮތުގައި ކަނޑާ އަދަދަށްވުރެ އިތުރަށް ޖެހިގެން އަންނަ މަސްމަހު ނަގާތީ އެކަމުގެ ވާހަކަ ދެއްކި މީހުން މިހާރުވެސް އެކަން ހަނދާން ހުންނާނެއެވެ.
ކަރަންޓް ކެނޑުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެ، ކަރަންޓް ބިލުތައް އަތް ނުފޯރާ ފަށަށް އަރާފައިވާ މިފަދަ ދަނޑިވަޅެއްގައި ގައުމުގެ ރައީސް މިފަދަ ބޮޑު ބިޔަ ޖަލްސާގައި މިފަދައިން ވިދާޅުވުމުން އެ ކޮށްލެވުނީ ރައްޔިތުންނަށް މަލާމާތްކަން ޔަގީނެވެ.
ކަންކަން ހައްލުކުރުމުގެ ބަދަލުގައި، ރައްޔިތުންނަށް ޖެހިފައިމިވާ ނިކަމެތިކަން ރަނގަޅުކުރުމުގެ ބަދަލުގައި ރައްޔިތުންގެ ފައިސާއިން މިފަދަ ޖަލްސާތަކަށް މުއިއްޒަށް ތާއީދު އޮތްކަން ދައްކަން ގެނެސްގެން ބޭކާރު ކުރާއިރު ހަގީގަތުގައި އެ ބޭކާރުކޮށްލެވެނީ ތިމާއޮތް ކުޑަވެސް ތާއީދާއި އިތުބާރެވެ. ދައުލަތުގެ ފައިސާ މިފަދައިން އިސްރާފުކޮށްގެން މުއިއްޒަށާއި ސަރުކާރަށް ތާއީދު އޮތްކަން ދައްކަން ބޭނުންވަނީ ކާކަށްތޯވެސް މިވަރުވީމާ ސުވާލު އުފެދެއެވެ.