ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުނު އިރު، ސަރުކާރުން ކުރިހާ ވެސް ކަމަކީ ވައްކަން ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް މިފަދައިން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުނުއިރު ގައުމުގައި ހުރި މައްސަލަތަކަށް ހައްލު ނުލިބޭކަން ފާހަގަކުރައްވާ ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އައްބާސް ވަނީ މި ސަރުކާރަށް ދެ އަހަރުވެގެން ދިޔައިރު ފެނާއި ނަރުދަމާ ފެށުނީ ކޮން ރަށެއްގައިތޯ އާއި ބަނދަރެއް ހަދައިދީ ނިމުނީ ކޮން ރަށެއްގައިތޯ އާއި ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަމެއް އެޅީ ކޮން ރަށެއްގައިތޯ ސުވާލު އުފައްދާވަފައެވެ
އައްބާސް ވިދާޅުވީ ދެ އަހަރު ވެގެން ދިޔައިރު، ހަމަ އެއްވެސް ކަމެއް ކުރެވިފައިވާ މަންޒަރު ނުފެންނަ ކަމަށެވެ.
އެހެން ކަމުން ސަރުކާރަށް ދެ އަހަރުވުމުން އެކަމުގެ އުފަލުގައި އެންމެން އެއްކޮށްގެން ހަފުލާއެއް ބާއްވައިގެން މޮޅު ވާހަކަތައް ދެއްކޭނެ ޖާގައެއް މި ސަރުކާރަށް ނެތް ކަމަށް އައްބާސް ވިދާޅުވިއެވެ.
އޭނަ ވަނީ ރައީސް މުއިއްޒުގެ ވެރިކަމުގެ ދެ އަހަރުގެ ބަޖެޓުން 110 ބިލިއަން ރުފިޔާ ހުސްވީ ކޮންކަމެއް ކޮށްގެންތޯ ވެސް ސުވާލު ކުރައްވާފައެވެ.
މީގެ އިތުރުން ސަރުކާރާ ރައީސް މުއިއްޒުވެސް ކުރިހާ ވެސް ކަމަކީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް އެކި ކަހަލަ ބަދަލުތައް ގެނެސް ޤާނޫނުތަކަށް ބަދަލު ގެނެސް ރައްޔިތުންގެ ޓެކުސް ފައިސާއިން ރޭވިގެން ބޮޑެތި އަދަދުން ވައްކަން ކުރުން ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ހާއްސަ ޖަލްސާއެއް ބާއްވާފައިވާއިރު، ރައީސް މުހައްމަދު މުއިއްޒު ވަނީ ފާއިތުވި ދެ އަހަރަކީ ވަރަށް ކާމިޔާބު ދެ އަހަރު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު އެ ފާހަގަކުރައްވާ ކާމިޔާބީ ގައުމުގެ އެއްވެސް ދިމާއަކުން ނުފެންނަ ކަމަށް ގިނަ ރައްޔިތުން ބުނަމުން ދާކަން ފާހަގަކޮށްލެވެއެވެ.