ދެއިރަށް ދޮގުހަދަމުންދާ އޮއްޓަރެއް ނެތް ބާޒަކަށް މިފިކުރު ޖަހައި ނުގަނެވޭކަން ރޭގެ ޒުވާނުންގެ އިވެންޓުން ސާބިތުވެގެން ގޮއްސި ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޒުވާނުން އިސްނަގައިގެން، ޒުވާނުންގެ އަޑު އިއްވުމަށް ރޭ ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ރައީސް ޔާމީނަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ އެމަނިކުފާނުވަނީ އެ ހަރަކާތުގައި ބައިވެރިވެ ޒުވާނުންނަށް ޙަޤީޤީ ދިވެހީންގެރާއްޖޭގެ އުއްމީދު އާކޮށްދެއްވާފައެވެ.
ރޭގެ ޖަލްސާއާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަނެއްކާވެސް އެ ދެއްކެވީ އެމަނިކުފާނާ ސިޔާސީ އެހެން ފަރާތްތަކާ ހުރި ތަފާތު ކަމަށެވެ. މީގެ ކުރިން ރައީސް މައުމޫނަކީ ދީނީ އިޖްތިމާއީގޮތުން ތަފާތު ތަފާތު ބޭފުޅެއްކަމަށް އެންމެންވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި މިއަދު އިލްމީ ނަޒަރިއްޔާތުން ގަވަރނަންސްގެ އިރްޝާދު ދެއްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް މި ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.
ރޭގެ ރ.ޔާމީނު އަނެއްކާވެސް ދެއްކެވީ އެމަނިކުފާނާ ސިޔާސީ އެހެން ފަރާތްތަކާ ހުރި ތަފާތު. މީގެ ކުރިން ރ. މައުމޫނު ދީނީ އިޖްތިމާއީގޮތުން ތަފާތު. މިއަދު އިލްމީ ނަޒަރިއްޔާތުން ގަވަރނަންސްގެ އިރްޝާދު ދެއްވަން އެނގިވަޑައިގަންނަވާ ހަމައެކަނި ލީޑަރަކީ ރ. ޔާމީނު.
— Mohamed Jameel Ahmed (@MJameelAhmed) November 22, 2025
ރޭގެ ޖަލްސާއަށް ދަތިކުރަން… pic.twitter.com/dn1rRtlVAf
މީގެ އިތުރުން، މި އިވެންޓްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާކަން އިއުލާންކުރުމާއި އެކު އެ އިވެންޓަށް މީހުން ދިޔުމަށް ދަތިކުރުމުގެ ގޮތުން ފޭސްދޭއްގެ ޓަވަރުތަކުގެ ލިފްޓްގެ ޚިދުމަތްތަކަށް ބުރޫ އަރުވައި ފެނުގެ ޚިދުމަތް ކަނޑާލިކަމަށްވެސް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ހުރަސްތަކާއި އެކުވެސް ރައްޔިތުންގެ ހަގީގީ ތާއީދާއި ލޯބި އޮތް ވެރިއަކީ ރައީސް ޔާމީން ކަން ރައްޔިތުން ރޭވެސް ދައްކުވައިދިން ކަމަށް ޖަމީލް ސިފަކުރެއްވިއެވެ. މިއާއި އެކު ދެއިރަށް ދޮގުހަދަމުންދާ އޮއްޓަރެއް ނެތް ބާޒަކަށް ރައީސް ޔާމީނުގެ ފިކުރާއި ވިސްނުންފުޅު ޖަހައި ނުގަނެވޭކަން ރޭވެސް ސާބިތުވެގެން ދިޔަ ކަމަށް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ.