March 11, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފްލައިޓްތައް ކެންސަލްވެ، ލަންކާ އެއާޕޯޓްގައި ދިވެހިން ތާށިވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 29, 2025, 10:43 PM
މާލެ ސިޓީ

ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ގިނަ އަދަދެއްގެ ފްލައިޓްތައް ކެންސަލް ކުރަން ޖެހުމުގެ ސަބަބުން ކޮލަމްބޯ އެއާޕޯޓްގައި ގިނަ އަދަދެއްގެ ދިވެހިން ތާށިވެއްޖެ އެވެ.

Advertisement

ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަދި ގަމަށް މިއަދު އަންނަން ހަމަޖެހިފައިވާ ސްރީލަންކަން އެއާލައިންސް ފްލައިޓްތައް ވެސް ކެންސަލްވެފައިވާއިރު، އޭގައި ދަތުރު ކުރަން ހަމަޖެހިފައިވާ ދިވެހިން މި ވަގުތު ތިބީ އެއާޕޯޓްގައި ތާށިވެފަ އެވެ. ފްލައިޓް ކެންސަލްކުރި ކަން އެނގުނީ ގިނަ ބަޔަކު އެއާޕޯޓަށް ދިޔަ ފަހުންނެވެ.

އޭގެ ތެރެއިން ގިނަ މީހުންނަށް އިތުރު ފްލައިޓެއް އަދި ހަމަޖެހިފައިވާ ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. ރާއްޖެ އައުމަށް ކޮލަމްބޯގައި ޓްރާންސިޓްވި ގިނަ ޓޫރިސްޓުން ވެސް އެ ގައުމުގައި ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އެއާޕޯޓަށް ކުރިންދާ މީހުންނަށް މިއަދު ލަންކާއިން ރާއްޖެއަށް އަންނަ ހަމަޖެހިފައިވާ ފިޓްސްއެއާ އަދި އެމިރޭޓްސް ފްލައިޓުން ޖާގަ ލިބިދާނެކަމަށް ބުނުމުން، ގިނަ އަދަދެއްގެ ދިވެހިން ވަނީ އެއާޕޯޓަށް ގޮސްފަ އެވެ. ނަމަވެސް، އެ ފްލައިޓުތަކުން ސްރީލަންކަން އިން ފުރަން ހަމަޖެހިފައި ތިބި މީހުންނަށް ޖާގަ ލިބުނުކަމެއް ސާފެއް ނުވެ އެވެ.

ރާއްޖޭގެ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައިވަނީ ތޫފާން "ދީތުވާ" ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ ކަމަށެވެ.

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށާއި އަދި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގާ ސަރަހައްދުތަކަށް ދިވެހިން ނުދިއުމަށް ހައިކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved