
އިރުއުތުރު އިންޑިއާގެ ސަރަހައްދުގައި ދިރިއުޅެމުންދާ 5،800 ޔަހޫދީން، ސަހްޔޫނީންގެ ގައުމަށް ގެންނަން ސަހްޔޫނީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. މިއީ ސަހްޔޫނީންގެ "ކާނޫނުލް އައުދާ" (Law of Return) ގެ ދަށުން އެމީހުންގެ ޤައުމަށް ޔަހޫދީން ގެނައުމުގެ ދިގު ތާރީޚެއްގެ ބައެކެވެ. އިންޑިއާގައި މިތިބި ޔަހޫދީންނަކީ ސަހްޔޫނީންގެ ގެއްލިފައިވާ ދިހަ ގަބީލާގެ ތެރެއިން އެއް ގަބީލާއާ ގުޅުން ހުރި ބައެއް ކަމަށް އެމީހުން ދައުވާ ކުރެއެވެ.
މިކަމާ ގުޅިގެން ސަހްޔޫނީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ، މި 5،800 ޔަހޫދީން ސަހްޔޫނީންގެ ގައުމަށް ގެނެވުމުން، އެމީހުންނަށް ކާންބޯން ދީ، ދިރިއުޅެން ހަމަޖައްސައިދީ، ތައުލީމު ހާސިލްކުރެވޭނެ މަގުފަހިކޮށްދީ ހަމަޖެހިގެން އުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައިދޭނެ ކަމަށެވެ. މީގެކުރިންވެސް އިރުއުތުރު އިންޑިއާއިން ހާހުން ގިނަ ޔަހޫދީން ވަނީ ސަހްޔޫނީންގެ ގައުމަށް ހިޖުރަކޮށްފައެވެ.
ނަމަވެސް، ސަހްޔޫނީންގެ މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްޤުތަކާ ޚިލާފަށް ހިންގާ ޖަރީމާއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ޚާއްސަކޮށް، މި މީހުން ސަހްޔޫނީންގެ ގައުމަށް ގެނެސް، ލުބްނާންގެ ބޯޑަރާ ކައިރި ހިސާބުތަކުގައި ވަޒަންވެރިކުރުމަކީ، ސަހްޔޫނީންގެ ބާރު ސަރަހައްދުގައި ފުޅާކުރުމުގެ އެޖެންޑާގެ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގެ މަޤްޞަދަކީ، ކުރިއަށް އޮތް ތަނުގައި ފަލަސްތީނެކޭ އެއްގޮތަށް ލުބްނާންވެސް ހިފަން ސަހްޔޫނީން ބޭނުންވުމުން، މި މީހުން ބޭނުންކޮށްގެން ސަރަހައްދީ ހައްޤުތަކަށް އަރައިގަތުމުގެ މަގެއް ހުޅުވުން ކަމަށް ބެލެވެއެވެ.
މިފަދަ އަމަލުތަކަކީ، ސަހްޔޫނީންގެ އިސްތިޢުމާރީ ސިޔާސަތުތައް ދައްކުވައިދޭ ކަމެއް ކަމަށް ތަޙްލީލުކުރާ ފަރާތްތަކުން ބުނެއެވެ. އަދި މިކަމަކީ ސަރަހައްދުގެ އަމާންކަން ނަގާލައި، އިތުރު ހަމަނުޖެހުންތަކަށް މަގުފަހިކުރާނެ ކަމެއް ކަމަށްވެސް އެފަރާތްތަކުން ހާމަކުރެއެވެ.










