ޑރ ޖަމީލް / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީން ކުރެއްވި ހުރިހާ ކަމެއްގެ ކުރެޑިޓު މި ސަރުކާރުން ދެނީ ރައީސް ޑރ މުއިއްޒު އަށް
Fathmath Reem
ފާތުމަތު ރީމް
04 މާރިޗު 2024
މާލެ ސިޓީ

ރައީސް މުއިއްޒު ރައީސަކަށް ވެ ވަޑައިގަތުމަށްފަހު އަރިހުގައި ތިއްބެވި ބޭފުޅުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރެއްވި ހުރިހާ މަސައްކަތެއްގެ ކުރެޑިޓު ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ދެމުން އަންނަ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިފަދައިން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފް ކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްދަ ދުވަހު ބޭއްވި ޖަލްސާގައި ކެނޑިޑޭޓަކާ ސުވާލު ކުރައްވަމުނެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އަރިހުގައި ތިއްބެވި ބޭފުޅުން ރައީސް ޔާމީން ކުރެއްވި ހުރިހާ ކަމެއްގެ ކުރެޑިޓު ރައީސް މުއިއްޒުއަށް އާންމު ގޮތެއްގައި ދެމުން ދާކަމަށެވެ.

ރައީސް މުއިއްޒު ރައީސަކަށް ވެވަޑާއިގަތުމަށް ފަހުގައި އަރިހުގައި ތިއްބެވި ބޭފުޅުން ވަރަށް އާންމު ގޮތެއްގައި ކުރައްވަމުން ދާކަމެއް ރައީސް ޔާމީން ކުރެއްވި ހުރިހާ ކަމެއްގެ ކުރެޑިޓު ރައީސް މުއިއްޒުއަށް މިދެނީ. ދެން ވިދާޅުވަނީ މޭސްތިރިއޭ

- ޑރ މުހައްމަދު ޖަމީލް އަހުމަދު

ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީން ހިންގަވާފައިވާ ބޮޑު މާސިންގާ ޕްރޮޖެކްޓުތަކުގެ މޭސްތިރިއަކީ ޑރ މުއިއްޒު ކަމަށް އެބޭފުޅުން ބުނަމުން އަންނަ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ މިހާރު ޑރ މުއިއްޒު އެހުންނެވީ ރައީސް އަކަށް ކަމަށާއި ބޮޑެތި ޓަނެލްތައް ހެދުން ފަދަ ޕްރޮޖެކްޓުތައް ހިންގުމަށް ވައުދު ވަޑައިގަންނަވަމުން ދާކަމަށެވެ. އަދި މިކަމާ ގުޅިގެން ޑރ ޖަމީލް ވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ރައީސް ޔާމީން ގެނައި ތަރައްގީގެ މޭސްތިރިއަކަށް ހަގީގަތުގައިވެސް ޑރ މުއިއްޒުވެދާނެ ކަމާމެދު ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved