ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް އަނެއްކާވެސް ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ޚާއްސަކޮށް، ރަޖިސްޓްރީ ނުކޮށް ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ޓޯކުރަމުންދާއިރު، ހުޅުމާލޭގައި ޕާކުކުރާނެ އެކަށީގެގެންވާ ތަނެއް ނެތުމުގެ މައްސަލަ އަދިވެސް ހައްލުނުވެ ދެމިހުރުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުކުރާ ކަމެކެވެ.
ގަވާއިދާއި ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވް ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށާ މި އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ޝަރަފްވެރިކޮށްދެއްވި އިރު ޕާކިންގ މައްސަލައަށް ހައްލެއް ސަރުކާރަށް ދެ އަހަރުވީއިރުވެސް ހޯދައިދޭން މަސައްކަތް ނުކުރުމަކީ ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށް ރައްޔިތުން ބުނެއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރާއި ފުލުހުންގެ ސީނިއަރ އޮފިސަރުން އަދި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ހުޅުމާލެއަކީ ބޮޑު، އާބާދީގެ ގޮތުން ފުރިބާރުވެފައިވާ ރަށަކަށް ވާއިރު، އުޅަނދުފަހަރު ޕާކުކުރާނެ ކަނޑައެޅިފައިވާ ވަސީލަތްތައް ނެތުމަކީ ދިގު މުއްދަތެއްގައި ހައްލުނުވެ އޮތް މައްސަލައެކެވެ. ހުޅުމާލޭގެ ގިނަ ރައްޔިތުންނާއި، އެހެނިހެން ބޭނުންތަކަށް ހުޅުމާލެއަށް އަންނަ މީހުންވެސް އުޅަނދު ޕާކުކުރުމަށް ދަތިކަން ކުރިމަތިވެއެވެ. މިކަމަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ހޯދާދީފައިނުވާއިރު، ޕާކިންގް ގަވާއިދުތަކަށް ބޯލަބާން މަޖުބޫރުކުރުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ.
އުޅަނދު ޓޯކުރުމުގެ ސަބަބުން، ވެހިކަލްތަކުގެ ވެރިންނަށް މާލީ ބުރައެއް ކުރިމަތިވުމުގެ އިތުރުން، މަސައްކަތްތަކަށްވެސް ހުރަސްއެޅެއެވެ. ބައެއް ފަހަރު ވެހިކަލް ޓޯކުރަނީ، ޕާކުކުރާނެ އެހެން އެއްވެސް ތަނެއް ނެތިގެން މަޖުބޫރުން ޕާކުކުރާ ތަންތަނުން ކަމަށް ރައްޔިތުން ބުނެއެވެ. މިއީ ސަރުކާރާއި، ހުޅުމާލެ ތަރައްޤީކުރުމާ ހަވާލުވެފައިވާ ފަރާތްތަކުން އަވަސް ހައްލެއް ހޯދައިދޭންޖެހޭ މުހިންމު މައްސަލައެކެވެ.
ރައްޔިތުންގެ އެދުމަކީ، ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރުމުގެ ކުރިން، ޕާކިންގް މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، އިތުރު ޕާކިންގް ޒޯންތައް ގާއިމުކުރުމާއި، މަލްޓި ސްޓޯރީ ޕާކިންގް ފެސިލިޓީތައް ތަރައްޤީކުރުން ފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ހުޅުމާލޭގެ އާބާދީއަށް ކުރިމަތިވާ ދަތިކަން އިތުރަށް ބޮޑުވެ، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ.