theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސީ.އެން.އެން
ދުނިޔެ
އިންޑިއާއިން ސަހްޔޫނީންނަށް ހަތިޔާރު ފޯރުކޮށްދޭއިރު ޗައިނާއިން ޣައްޒާ އާބާދުކުރަން 100 މިލިއަން ޑޮލަރު ޚަރަދުކުރަން އިއުލާނުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
07 ޑިސެމްބަރު 2025
މާލެ ސިޓީ

ޣައްޒާގައި ސަހްޔޫނީ ދައުލަތުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމައިގެ ސަބަބުން މި ސަރަހައްދުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއިން ވަނީ ޣައްޒާ އަލުން ބިނާކުރުމަށް 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އެހީއެއް ދިނުމަށް އިއުލާނުކޮށްފައެވެ. މި އިއުލާނު ކުރައްވާފައިވަނީ ޗައިނާގެ ރައީސްއެވެ. މިއީ ޣައްޒާގެ ރައްޔިތުންނަށް ދުނިޔޭގެ ބޮޑު ބާރެއްގެ ފަރާތުން ލިބުނު އުއްމީދުގެ ހަދިޔާއެއްގެ ގޮތުގައި ޒިން ޖިންޕިން ފާހަގަކޮށްފައިވެއެވެ.

ޗައިނާގެ މި ބޮޑު އެހީގެ އިއުލާނަކީ ޣައްޒާގެ ހާލަތު ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނައިރު ސަހްޔޫނީންގެ ހަމަލާތަކުގައި އެތައް ގެދޮރަކާއި، އިންފްރާސްޓްރަކްޗާ ހަލާކުވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއިން ދޭ މި އެހީގެ ސަބަބުން ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް އަލުން ގާއިމުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އުއްމީދު އާވެ، ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިސް ދައުރެއް ޗައިނާއިން އަދާކުރާކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ މުސްލިމުންނަށް އުއްމީދު ބޮޑުކޮށްދޭ މިފަދަ ހިތްވަރުދޭ ޚަބަރުތައް ލިބެމުންދާއިރު، އިންޑިއާއިން ދަނީ ސަހްޔޫނީ ދައުލަތަށް ހަތިޔާރު ފޯރުކޮށްދެމުންކަން ހެކިތަކާއިއެކު އާންމުވެފައިވެއެވެ. ކަންމިހެން ހުރި އިރު ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ މުސްލިމުން މަރަން ވާގިވެރިވާ މޯދީ ސަރުކާރާއި އެކު ގުޅުން ބަދަހިކުރުމަށެވެ. މުސްލިމުން މަރަން ހަތިޔާރު ފޯރުކޮށްދެމުންދާ ވެރިއެއްކަމަށްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރައީސް މުއިއްޒު ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވުމަކީ ދިވެހި ރައްޔިތުންގެ މެދުގައި މުއިއްޒުގެ އަގު ވަރަށް ބޮޑަށް ވެއްޓިގެންދިޔަ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.

މިއާއި އެކު ބައިނަލްއަގްވާމީ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އޮތީ ފަލަސްތީނާއި އެކުގައި ކަމަށް މުއިއްޒު ބުނަމުން އަންނައިރު، ރާއްޖޭގެ ސަރުކާރުން ދައްކުވައިދެނީ މުޅުން ތަފާތު މަންޒަރެކެވެ.

މުސްލިމުންނަށް އެހީތެރިވާން ޗައިނާއިން މިފަދަ ބޮޑު ހަރަދެއް ކުރަން އިއުލާނުކޮށްފައިވާއިރު، ޗައިނާއާ އެކު ގުޅުން ބަދަހިކުރުމުގެ ބަދަލުގައި، މުސްލިމުންނާ ދެކޮޅަށް ހަތިޔާރު ފޯރުކޮށްދޭ އިންޑިއާއާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރުމަކީ ރާއްޖޭގެ ދީނީ އަދި އިޖުތިމާއީ އަސާސްތަކާ ހިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތާ މެދު އިތުރު ބަހުސްތައް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ. ދިވެހި ރައްޔިތުންގެ އިހުސާސްތަކާއި، އިސްލާމީ އުސޫލުތަކާ ގުޅުން ހުރި މިފަދަ ކަންކަމުގައި ރާއްޖޭގެ ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރަންވީ ގޮތާ މެދު މިހާރު ދަނީ ގިނަ ސުވާލުތަކެއް ކުރެވެމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved