May 13, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރަސްދޫގައި ޗައިނާ ބަޔަކު ދިވެހި ޒުވާނަކަށް ދިން ހަމަލާ ފެނި ޝޮކެއް ލިބުނު މަންމަ ނިޔާވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
May 12, 2026, 10:27 AM
މާލެ ސިޓީ

އއ. ރަސްދޫގައި ޗައިނާގެ ބަޔަކު ދިވެހި ޒުވާނަކަށް ހަމަލާދީ މާރާމާރީ ހިންގި މަންޒަރު ފެނުމުން ލިބުނު ކުއްލި ސިހުމަކާ ގުޅިގެން ފަރުވާ ދެމުންދިޔަ އެ ޒުވާނާގެ މަންމަ މިއަދު ހެނދުނު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ދަންވަރު 00:51 އެހައިކަންހާއިރުއެވެ.

Advertisement

ފުލުހުން ވިދާޅުވި ގޮތުގައި، ރަސްދޫ ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ޗައިނާގެ ދެ ރައްޔިތަކު، މީހަކަށް ދަގަނޑުބުރިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރަސްދޫއިން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، މާރާމާރީ ހިންގާފައިވަނީ އެ ރަށުގައި ގެސްޓްހައުސް އަދި ވޯޓާ ސްޕޯޓްސްގެ ވިޔަފާރި ހިންގާ ޗައިނާ ބައެކެވެ. އެ މީހުން ހަމަލާ ދިނީ އެތަނުގައި ޑިންގީ ދުއްވުމުގެ މަސައްކަތް ކުރާ ދިވެހި ޒުވާނަކަށެވެ.

މި ހަމަލާދިން މަންޒަރު ފެނުމާއެކު އެ ޒުވާނާގެ މަންމަ ވަގުތުން ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ. އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ރަސްދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލު އިތުރަށް ގޯސްވުމުގެ ސަބަބުން އެ ރޭ ފަތިހު 4:00 ހާއިރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

އެ ހާދިސާ ފެނުމުން ލިބުނު ޝޮކެއްގެ ސަބަބުން އެ އަންހެން މީހާގެ ހާލު އޭރުވެސް ވަރަށް ދެރަ ކަމަށާއި، ޑޮކްޓަރުން އޭނާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved