
ހާލަތުގެ ހަގީގަތް ހާމަކުރަން ތައްޔާރަށް ތިބި މީހުން ހިމޭން ނުކުރެވޭނެ ކަމަށް ބުނެ، "އައިޝާ" ޑޮކިއުމަންޓްރީގެ ތަހުގީގަށް ފުލުހަށް ހާޒިރުކުރި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފު ވަރުގަދަ މެސެޖެއް ދޫކޮށްލައިފިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒަށް ކުރެވޭ ތުހުމަތުތަކެއްގެ މައްޗަށް ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ ތަހުގީގަށް އީޝާ ހާޒިރުކޮށް ބަޔާން ނަގާ އޭނާގެ ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދީ ފުލުހުން ވަނީ 5 ގަޑިއިރެއްހާ ދިގު ތަހުގީގު ބަޔާނެއް ނަގާފައެވެ. ނަމަވެސް ތަހުގީގު ބަޔާން ކަމަށް ބުނެ އީޝާ ލައްވާ ސޮއުކުރުވީ އެންމެ 4 ފޮޅުވަތުގެ ބަޔާނެއްގައި ކަމަށާ، ނަމަވެސް ދިފާއުވާން ފުރުސަތު ނުދިން ވާހަކަ ބަޔާނުގައި ހިމެނުމަށް އެދުމުން އެ ކަން ބަޔާނުގައި ހިމަނާފައިވާ ކަމަށް އީޝާގެ ވަކީލުން މީޑީޔާތަކަށް ދިން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެ ފަދަ ވަގުތެއްގައި އީޝާ، ސަރުކާރުގެ ބާރުވެރި މަގާމުތަކުގައި ތިބި މީހުންނަށް އަމާޒުކޮށް ސޯޝަލް މީޑިޔާއަށް އިނގިރޭސި ބަހުން ދޫކޮށްލި ވަރުގަދަ މެސެޖެއްގައި ބުނެފައިވަނީ، ހާލަތުގެ ހަގީގަތް ހާމަކުރަން ތައްޔާރަށް ތިބި މީހުން ހިމޭން ނުކުރެވޭނެ ކަމަށާ ހާލަތުގެ ހަގީގަތް ހާމަކުރަން ތިބި މީހުންނަށް ހާމަކަން ބޮޑުކަމާއެކު ޖަވާބުދާރީވުމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރެއް ނުވަތަ އޮޅުން ބޮޅުން ކަމެއް ނެތި އެ ފުރުސަތު ހޯދައިދޭން ޖެހޭނެ ކަމަށެވެ.
އެފަދަ މީހުންނަށް ހައްގީ ބިރިދެއްކުމާ އޮޅުން ބޮޅުން ނޫން ކަމަށް ބުނެ އީޝާ ވަނީ، ﷲގެ އިރާދައިން ހަގީގަތް ވަރަށް އަވަހަށް ހާމަ ވެގެންދާނެ ކަމަށް ވެސް ބުނެފައެވެ.
އީޝާގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދޫކޮށްލާފައިމިވަނީ އީޝާއަށް އަމާޒުކޮށް ސަރުކާރު ހިންގާ ޕާޓީގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުން ލައްވާ ސަރުކާރުން ޒާތްޒާތުގެ ޕޯސްޓުތަކާ ކޮމެންޓުތައް ކުރވަމުންދާ ދަނިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
އީޝާ ވަނީ ސަރުކާރުން އުއްމީދު ކުރި ގޮތާ ޚިލާފަށް، ތަހުގީގުގައި އެއްބާރުލުން ދީ ސަރުކާރު ސިއްސުވާލަފައެވެ. އަދި ދައުވާ ކުރަން ފޮނުވައިފި ނަމަ ހެއްކާ ގަރީނާއާއެކު އީޝާއަކީ ވިކްޓިމްކަން ވެސް ސާބިތުކޮށްދޭނެ ކަމަށް އީޝާގެ ވަކީލުން ވަނީ ބުނެފައެވެ.




