theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ޕޮލިސް މީޑިޔާ
ހަބަރު
މާރާމާރީ ހިންގި ދުވަހު ހުރީ ހަމައިގައި ނޫން: ފުލުސްމީހާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
08 ޑިސެމްބަރު 2025
މާލެ ސިޓީ

މިދިޔަ ހުކުރު ދުވަހު ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހަކު، އޭނާ އެކަން ކުރި ދުވަހު ހުރީ ހަމައިގައި ނޫން ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ. ސ. ހިތަދޫ، އަސަރީވިލާ، ޢަލީ މަނިކު، 43 އަހަރު، ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން މި ވާހަކަ އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވެއެވެ.

ޢަލީ މަނިކު ކޯޓުގައި ބުނެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ނުނިދާ ހުރުމުގެ ސަބަބުން ހަމަނުޖެހުން ހިންގުނު ދުވަހު އޭނާ ހުރީ ހަމައިގައި ނޫން ކަމަށެވެ. ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުގައިވާ ގޮތުން، ޢަލީ މަނިކަކީ މީގެ ކުރިން ވެސް އެ ސެލޫނަށް ގަވައިދުން ދާ މީހެކެވެ.

ފުލުހުން އިތުރަށް ބުނީ، ޢަލީ މަނިކު ވަނީ ސެލޫނުގެ މުވައްޒަފަކާއި މާރާމާރީ ހިންގައި، ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން، އޭނާ ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރި ވަގުތު ގަދަ ދައްކައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ. އަދި އޭނާގެ ޢަމަލުތަކުގެ ސަބަބުން ފުލުހަކަށް އަނިޔާވި ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ ކުރިން ކުށުގެ ރެކޯޑެއް ނެތް ކަމަށް ފުލުހުން ބުނާ ޢަލީ މަނިކު، އޭނާގެ ފަރާތުން ވަކީލަކު ބޭނުންވާ ކަމަށް ކޯޓުގައި ދެންނެވިއެވެ. ކްރިމިނަލް ކޯޓުން ވަނީ ޢަލީ މަނިކުގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމަށް އޭނާ ހާޒިރު ނުކުރެވުނީ ފުލުހުންގެ ބަންދުގައި ހުއްޓާ ގޮޅި ތެރެއަށް ހަރަކާތް ހުއްޓިގެން ވެއްޓިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާތީ ކަމަށް ފުލުހުން ބުންޏެވެ.

ހޮނިހިރު ދުވަހު މުއްދަތު މަޖިލީހުގައި ގާޒީ ވަނީ އޭނާ 24 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރު ކުރުމަށް އަމުރުކޮށްފަ އެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ އާދީއްތަ ދުވަހު ބޭއްވި މުއްދަތު މަޖިލީހުގަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved