
ސްކޮޓްލޭންޑްގެ ކުރީގެ ފަސްޓް މިނިސްޓަރ ހަމްޒާ ޔޫސުފް، ސަހްޔޫނީނުން ޣައްޒާގައި "ސްކޮލަސްޓިސައިޑް" އެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވައިފި އެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޔޫސުފް ވިދާޅުވީ، ސްކޫލްތަކާއި އެ ސަރަހައްދުގެ ތައުލީމީ ނިޒާމު ހަލާކުކުރުމަކީ އެކްސިޑެންޓެއް ނޫން ކަމަށާއި، އެއީ ގަސްތުގައި ކުރާ ކަމެއް ކަމަށެވެ.
ޔޫސުފް ފާހަގަކުރެއްވި ގޮތުގައި، ސަހްޔޫނީން ހިންގާ އަމަލުތަކުން ފެންނަނީ، ކުޑަކުދިން އުނގެނި ބޮޑުވެ މުސްތަގުބަލު ބިނާކުރާ ތަންތަނަށް އަމާޒުކުރުމުގެ ސާފު އުސޫލެކެވެ. އޭނާ ވިދާޅުވީ، މިއީ ފަލަސްތީނުގެ މުޖުތަމަޢުގެ ބިންގާތައް ބަލިކަށިކޮށް، އެ މުޖުތަމަޢު ފޮހެލުމަށް ކުރާ ފުޅާ މަސައްކަތުގެ ބައެއް ކަމުގަ އެވެ.
ހަނގުރާމަ ފެށުނީއްސުރެ ޣައްޒާގެ ގިނަ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ލައިބްރަރީތައް ހަލާކުވެފައި ނުވަތަ ބޮޑެތި ގެއްލުންތައް ލިބިފައިވާކަން ޔޫސުފް ވަނީ ފާހަގަކުރައްވާފަ އެވެ. މި ހަލާކުގެ މިންވަރު ހަނގުރާމައިގެ މައިދާނުން މާ ދުރަށް ގޮސް، ކުޑަކުދިންގެ ޖީލުތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ކުރީގެ ފަސްޓް މިނިސްޓަރ ވިދާޅުވީ، ތައުލީމަކީ އިންސާނުންނަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި، މި ހައްގު ނައްތާލުމަކީ ދިގު މުއްދަތަކަށް އޭގެ ނަތީޖާތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަށް އުނގެނުމުގެ ފުރުސަތު ނުލިބުމަކީ ޣައްޒާގެ މުސްތަގުބަލަށް ގެއްލުން ލިބި، އިންސާނީ ދަތިކަން އިތުރަށް ފުންވާނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.
ޔޫސުފް ވަނީ މި މައްސަލަ ބެލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައްވާފަ އެވެ. ސްކޫލްތަކަށް ދޭ ހަމަލާތައް ކުށްވެރިކޮށް، ޖަވާބުދާރީވުމަށް ބާރުއެޅުމަށް ދުނިޔޭގެ ލީޑަރުންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ.










