ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބެނިންގައި ސިފައިން، އެ ގައުމުގެ ރައީސް ޕެޓްރިސް ޓަލޯން މަގާމުން ދުރުކޮށް، ކޮންޓްރޯލް ނަގާފައިވާކަން ގައުމީ ޓީވީގައި އިއުލާން ކޮށްފިއެވެ.
ބެނިންގެ ގައުމީ ޓީވީ މެދުވެރިކޮށް ސިފައިންގެ ބަޔަކު އެ ގައުމުގެ ގަޑިން މިއަދު ވަރަށް ހެނދުނު ވަނީ އެ ގައުމުގެ ވެރިކަން ވައްޓާލާއިވާ ކަން އިއުލާން ކޮށްފައެވެ. މިލިޓަރީ ކޮމިޓީ ފޯ ރީފައުންޑޭޝަންގެ ނަމުން ނަން ދީފައިވާ މި ސިފައިން ވަނީ ރައީސް ޕެޓްރިސް ޓެލޯން މަގާމުން ދުރުކޮށް، ދައުލަތުގެ ހުރިހާ މުއައްސަސާއެއް އުވާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި މިލިޓަރީ ކޮމިޓީގެ ރައީސް ކަމަށް ލެފްޓިނެންޓް ކާނަލް ޕަސްކަލް ޓިގްރީ އައްުޔަން ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
ފަހުން ގައުމީ ޓީވީގެ ސިގްނަލް ވެސް ވަނީ ކެނޑިފައެވެ.
ބެނިންގައި ހުންނަ ފަރަންސޭސި އެމްބަސީން ފޮނުވި މެސެޖުގައި ބުނެފައި ވަނީ އެ ގައުމުގެ މައި ސިޓީ ކޮޓޯނޫގައި ހުންނަ ރައީސް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ބަޑީގެ ހަމަލާތަކެއް ދިން ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބީބީސީން ބުނީ ސިފައިން އެ ގައުމުގެ ގާނޫނު އަސާސީ އުވާލައި، އެއްގަމާއި ބޯޑަރު އަދި ވައިގެ ސަރަަހައްދު ބަންދު ކުރަން ވެސް ނިންމާފައިވާ ކަމަށް އިއުލާން ކޮށްފައިވާ ކަމަށެވެ.
"ހާލަތު އޮތީ ކޮންޓްރޯލް ވެފައި. އަސްކަރިއްޔާގެ ބޮޑު ބަޔަކީ ވަފާތެރި ބައެއް،" ރޮއިޓާސް ނިއުސް އޭޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޝެގުން އަދްޖާދީ ބަކާރީ ވިދާޅުވިއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެ ގައުމުގެ ސަރުކާރުގެ ބޭފުޅަކު އޭއެފްޕީ ނިއުސް އެޖެންސީ އަށް މައުލޫމާތު ދެމުން ބުނީ އެކަން ކުރީ ހަމައެކަނި ޓީވީ ކޮންޓްރޯލް ކުރާ މަދު ބައެއް ކަމަށާއި، އެ ސިޓީ އޮތީ ވަރަށް އަމާންކޮށް ކަމަށެވެ.
ނަމަވެސް ރައީސް މިވަގުތު ހުންނެވީ ކޮން ގައުމެއް ކަމެއް އަދި ނޭނގޭ ކަަމަށް ރިޕޯޓްތައް ބުނެއެވެ.
އެ ގައުމުގައި ބަޣާވާތް ކުރަން މަސައްކަތް ކޮށްފައި މިވަނީ 2016 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ޓަލޯންގެ ދައުރު ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ، ރިޔާސީ އިންތިހާބަށް އެ ގައުމު ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.