theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ޕީއެންސީ މަޖިލިސް މެމްބަރުން / ސޯޝަލް މީޑިއާ
ހަބަރު
އެމްޕީއިން ވަކިކުރަން ޕާޓީތަކަށް ބާރު ދިނުމަކީ ޑިމޮކްރެސީތަކުން ދަންނަ ކަމެއް ނޫން: ޑރ އަހުމަދު
Mariyam Isaadha
މަރިޔަމް އިސާދާ
09 ޑިސެމްބަރު 2025
މާލެ ސިޓީ

މެމްބަރުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ދުނިޔޭގެ ބޮޑެތި ޑިމޮކްރެސީތަކާ ބީރައްޓެހި ކަމެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވަނީ، މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ގެނައީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ޑރ އަހުމަދު ވިދާޅުވީ، މިއީ އެއްވެސް ޤާނޫނީ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށާ ސަބަބަކީ ދިވެހިރާއްޖޭގައި ޢަމަލުކުރާ އިންތިޚާބީ ނިޒާމަކީ "ފަރްދީ އިންތިޚާބުގެ ނިޒާމް" (single -member district electoral system) ނިޒާމު ކަމަށް ވުމުންނެވެ. އަދި މިނިޒާމާއެކު، ދިވެހިރާއްޖޭގައި ތަޠްބީޤު ކުރަނީ ކޮންމެ ދާއިރާ އަކުންވެސް އެންމެ ގިނަައިން ވޯޓުލިބޭ ކެންޑިޑޭޓް އިންތިޚާބު ކުރާ ނިޒާމް (FPTP system) ކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މި ނިޒާމުގެ ދަށުން ރައްޔިތުން ވޯޓު ދިނުމުގައި ކެންޑިޑޭޓް އިޚްތިޔާރުކުރަނީ މައިގަނޑުގޮތަކަށް ޝަޚްޞީ އަސާސްތަކެއްގެ މައްޗަށް ކަމަށެވެ.

އެކަންކަން ކުރަނީ ކެންޑިޑޭޓް ތަބާވާ ޕާޓީ އަސާސަކަށް ބަލައިގެނެއް ނޫން ކަން ވެސް ފާހަގަކުރައްވާ ޑރ އަހުމަދު ވިދާޅުވީ އެއާ ޚިލާފަށް، ޕާޓީ އަސާސަކަށް ބަލައިގެން މެންބަރުން އިންތިޚާބު ކުރާ ނިޒާމަކީ ޕާޓީއިން ހުށަހަޅާ ލިސްޓަށް ވޯޓުދޭ ނިޒާމު (List Proportional Representation System) ކަމަށެވެ. މި ނިޒާމަކީ ދިވެހިރާއްޖެ ދަންނަ ނިޒާމެއް ނޫންކަމާ އެހެންކަމުން ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ އިންތިޚާބީ ނިޒާމުގެދަށުން، ރައްޔިތުން ވޯޓުދެނީ ޕާޓީ އަސާސަކަށް ބަލައިގެންކަމުގައި ނުވާއިރު ރައްޔިތުން އިންތިޚާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީތަކަށް ލިބެންޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށްވެސް ޑރ އަހުމަދު ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ޙަޤީޤަތަކީ މި ބުނެވުނު ދެވަނަ އިންތިޚާބީ ނިޒާމުގެ ދަށުން ޕާރލަމެންޓްތަކަށް އިންތިޚާބުކުރެވޭ މެންބަރުންވެސް، މެންބަރުކަމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނުމަކީ ކުރިއަރާފައިވާ ޑިމޮކްރެސީތައް ދަންނަކަމެއް ނޫން ކަން ވެސް ޑރ އަހުމަދުގެ ޕޯސްޓު ނިންމަވާލައްވަމުން ފާހަގަކުރައްވާފައިވެއެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވެފައިވާއިރު، މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ، ރައްޔިތުންގެ ބަހެއް ނުހޯއްދަވައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ނިންމުންތައް ރައީސް ނިންމަވާ ކަމަށް ތުހުމަތު ރައްޔިތުން ކުރަމުންދާތީ އެކަމަށް އިޝާރަތްކުރައްވާ ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވައި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައިފާ ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ، ރައްޔިތުން ހިއްސާކުރާ ހިޔާލާއި މަޝްވަރާއާ އެއްގޮަތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ގޮނޑި ގެއްލީ ބިލުގެ ދުސްތޫރީ މައްސަލަވެސް އެަނިކުފާނުގެ ނުފޫޒުން ޕާކުކުރުވާފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved