ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ތަރައްގީ ވިއްކާ، އެމަނިކުފާނުގެ ފޮޓޯ ޖަހައިން ހުސް ގޮނޑި ދައްކައިން ހޯދި ވެރިކަމެެއްގައި ބަޔަކު ބޮޑާވިޔަސް ފުކެއް ބޮޑުވަރެވެ. ރައްޔިތުންނަށް ހުވަފެން ދައްކައިގެން ވައުދުވެގެން ވެރިކަން ލިބުނީމަ ރައްޔިތު މީހާއަށް އަނިޔާވެ ރަހުމް ކުޑަވާ މަންޒަރުވެސް ގިނަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ބަސްބުނެ، ވަކާލާތުކޮށް، ރައްޔިތުންނަށް ހެޔޮ ނިންމުންތަކެއް ނިންމުމަށް ހުންނަ ތަނެކެވެ. ރައްޔިތުންގެ ގާނޫނަށް އިސްލާހު ގެނެއުމުގެ ބާރު އެ މަޖިލީހުގެ މެމްބަރުންނަށް ދީފައިވަނީ އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަށެއް ނޫނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ލިބުމަކީ އިއްތިފާގެއް ނޫނެވެ. ވަރުވަރުން ފައިސާ އަޅައިން ހޯދި މަޖިލީހެކެވެ. މެމްބަރުންގެ ޤާބިލިއްޔަތުކަމާމެދު ދައްކާނެެ ވާހަކައެއްވެސް ނެތެވެ. މަޖިލީހަށް ވަޑައިގެން މާދުވަހެއް ނުވަނީހެން ރަށުތެރޭ އިވެމުންދިޔައީ ކޮންމެވެސް "ކަޅު ދަބަހެއްގެ" ވާހަަކައެވެ. ރައީސް މުއިއްޒުގެ "ދިމްޔާތު" ގަނޑުވަރުން މެމްބަރުން ކަޅު ދަބަސްތަށް ހިފައިގެން ނިކުމެގެންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވެސް ދައުރުވިއެވެ. "ބައި ލައްކަ" ރުފިޔާ ބަހަނީއޭ ބުނެ ސަޅިބައިސާ ކެނޑި ބައެއް މެމްބަރުންގެ ފަރާތުން މީޑިއާތަކަށް ތިލަވެގެންދިޔައީ ރައީސް މުއިއްޒު ކަޅު ދަބަސްތަކުގައި ނަގުދު ފައިސާ މެމްބަރުންނަށް ބަހަމުންދިޔަކަމަށެވެ.
ރިޝްވަތުގެ ފައިިސާ ނަންގަވައިގެން އެއްކަލަ މަޖިލީހުގެ ގޮނޑީގައި އިންނަވާ ވޯޓެއް ދޭން ނުޖެހޭ ކޮންމެ ބިލަކަަށް ވެސް ވޯޓު ދެނީއެވެ. ވާނީވެސް އެހެންތާ، ބައި ލައްކަ ރައީސް ދެއްވީ ރައީސްގެ އަމުރުތަކަށް ކިޔަމަންވުމަށެވެ. ރައްޔިތުންގެ ހައްގުތަަށް ކަށަވަރުކުރުމަށް މުހިންމު އެންމެ ބިލެއް ވެސް މަޖިލީހަކަށް ހުށަހަޅާ މަންޒަރެއް ނުފެނެއެވެ. ރައީސް ބޭނުންފުޅުވެލައްވާ ބިލެއް އޮތިއްޔާ އެ ބިލު ޑްރާފްޓުކޮށްދެއްވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ. އެޔަށްފަހު މަޖިލީހުގެ ކޮންމެވެސް މެމްބަރެއް ލައްވާ ބިލު ހުށަހަޅައިގެން ފާސްކުރުވަނީއެވެ. ގިނަފަހަރަށް ހުށަހަޅާ ބިލުގައިވާ އެއްޗެއް މެމްބަރުންނަށް ނުވެސް އެނގެއެވެ. ބިލު ކިޔާވެސް ނުލާ ބިލަށް ތައުރީފުކޮށް ހުޝާމަދުކޮށް ހަދާނަގަައެވެ. ފައިސާގެ ދަހިވެތިކަމުގައި ވެރިޔަކަށް އަޅު މަސައްކަތް ކޮށްދޭން އަދުގެ މަޖިލިސް މެމްބަރުން ފަހެއް ނުޖެހޭނެއެވެ.
ޝަރުއީ ނިޒާމަށް އަތްފައި، ބޯވެސް ނުބާނާނެކަމުގެ ވައުދާއެކު ވެރިކަމަށް އައި ވެރިޔާ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ މެމްބަރުން ލައްވާ ހުށަހަޅާ ވޯޓު ދެއްވަން އަމުރުކޮށް ވަކިކޮށް ނިންމާލިއެވެ. މިފަދަ ބިލުތަކަށް ވޯޓު ނުދެއްވަނީ މަދުފަހަރެއްގައި ވެސް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫޤްއެވެ. އަޒާން ވޯޓު ނުދީގެން ވެސް ހީވީ އެހެންފަދަކަމެއްހެނެވެ. އަޒާން އިންނެވި މަޖިލީހުގެ ކޮމިޓީތަކުން ނެރެ، ޕީޖީ ގުރޫޕުން ބޭރުކޮށް ކުޅިވަރެއް ކުޅުނެވެ.
ރައްޔިތުންގެ މަޖިލީހުން 61 ބިލެެއްގެ މަސައްކަތް ނިންމިކަމުގެ ދައުވާކުރާއިރު މިއީ މާބޮޑު ކަމެއްނޫނެވެ. 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް މެމްބަރުން ގިނަ ބިލުތަކެއްގެ މަސައްކަތްކުރިއެވެ. އައު ކުކުޅަކަށް ގައު ބިހެއް އެޅިގެން އުޅޭވަރެއް ނުވެއެވެ.
ރައްޔިތުންނަށް ފައިދާވާނެ ކަންކަންކުރާ މަޖިލީހެއްކަމަށް ދައުވާކުރާއިރު މިނިވަން މީިޑިއާތަކުގައި ތަޅުއަޅުވައި "މީޑިއާ ކޮންޓްރޯލް" ބިލު ވެސް ފާސްކުރީއެވެ. މިއީ ރައްޔިތުންގެ މަޖިލީހެއް ނޫނެވެ. މިއީނ ރައީސް މުއިއްޒުގެެެެެެެެެެެެެ މަޖިލީހެކެވެ. މިތާ އޮތީ ވެރިކަމެއްވެސް ނޫނެވެ. ރަސްކަމޭ ބުންޏަސް މާ ރަނގަޅުވާނެއެވެ.
މިއަދު އާރާއި ބާރާއި ޝާނާ ޝައުކަތު ލިބުނީމަ ބޮޑާވެގެން ތިއްބަސް މިއީ ވަގުތީކަމެއްކަން ދެނެގަތުން މުހިންމެވެ. ތާއަބަދު ތިޔަހެން ރައްޔިތުންނަށް އަނިޔާވެރިވާކަަށް ފުރުސަތެއް ނުދޭނެކަން ހަނދާނުގައި ބަހައްޓާށެވެ.