ބަލްގޭރިއާގައި އެތައް ސަތޭކަ ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކޮށްފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އެ ގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ ސަރުކާރުން ފުޅާދާއިރާއެއްގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ.
މި މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޓެކްސް ބޮޑުކުރުމާއި އިޖްތިމާއީ ރައްކާތެރިކަމުގެ ކޮންޓްރިބިއުޝަންތައް އިތުރުކުރުމާއި ހަރަދުތައް ބޮޑުކުރުމަށް ސަރުކާރުން ބަޖެޓުން ރާވާފައިވާ ޕްލޭންތަކުގެ ސަބަބުން މިދިޔަ ހަފްތާގައި ކުރި މުޒާހަރާތަކަށް ފަހުއެވެ. ފަހުން ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ބަޖެޓް ޕްލޭން އަނބުރާ ގެންގޮސްފައެވެ.
އޭގެ ފަހުން މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތައް ފުޅާވެ، ބޮޑުވަޒީރު ރޮސެން ޒެލިއަޒްކޯވްގެ ސެންޓަރ ރައިޓް ސަރުކާރުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ.
ވެރިރަށް ސޯފިޔާގައި މުޒާހަރާގެ ބައިވެރިން އެއްވެފައިވަނީ މަޖިލީހާއި ސަރުކާރާއި ރިޔާސަތުގެ އިމާރާތްތައް ހުންނަ މައިދާނަކަށެވެ. “އިސްތިއުފާ” އާއި “މާފިޔާ” އޭ ގޮވާލަމުން އެމީހުން ވަނީ ޒެލިއަޒްކޯވްގެ މައިނޯރިޓީ ކޯލިޝަން ކެބިނެޓުން މަގާމުން ވަކިވުމަށް ޑިމާންޑްކޮޑްފައެވެ.
ސޯފިއާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން ވެސް މި މުޒާހަރާގައި ބައިވެރިވެފައިވާއިރު، މިދިޔަ ހަފްތާގައި 50،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެއްވުންތަކަށް ވުރެ މި މުޒާހަރާގައި ބައިވެރިން ގިނަ ކަމަށް މުޒާހަރާތައް އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. ޑްރޯން ވިޝުއަލްތަކަށް ބިނާކޮށް މީޑިއާތަކުން ލަފާކުރާ ގޮތުގައި މުޒާހަރާގެ ބައިވެރިންގެ އަދަދު 100،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ.
މުޒާހަރާގެ ބައިވެރިންގެ މައިގަނޑުގައި ކަންބޮޑުވުމަކަށް އޮތީ އެމެރިކާ އާއި އިނގިރޭސިވިލާތުން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އަދި ސަރުކާރަށް ތާއީދުކުރާ އެމްއާރުއެފް ނިއު ބިގިނިން ޕާޓީން ތާއީދުކުރާ ބަލްގޭރިއާގެ ސިޔާސީ އަދި އޮލިގާޗް ޑެލިއަން ޕީވްސްކީގެ ދައުރެވެ. ޕީވްސްކީގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އޮލިގާކިކް މަސްލަހަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމަށް އެހީތެރިވެދިން ކަމަށެވެ.