ސަރުކާރު އިގްތިސާދީ ގޮތުން ކަންތައްތައް ކުރި ގޮތާއި ސަރުކާރުގެ ކޮރަޕްޝަނާ ގުޅިގެން ހަފްތާތަކެއް ވަންދެން ހިނގި ބޮޑެތި މުޒާހަރާތަކަކަށް ފަހު، ބަލްގޭރިއާގެ ބޮޑުވަޒީރު ރޯޒެން ޒެލިޔާޒްކޮވް އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
ޒެލިޔާޒްކޮވް އިސްތިއުފާދެއްވީ އޭނާގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ޕާލިމެންޓަށް ހުށަހަޅާފައިވަނިކޮށް، އެ ވޯޓު ނެގުމުގެ މިނިޓުތަކެއް ކުރިންނެވެ. ބޮޑުވަޒީރު ޒެލިޔާޒްކޮވް ވިދާޅުވީ އިސްތިއުފާ ކަންތަކުގައި ސަރުކާރުގެ ކޯލިޝަނާއި މަޝްވަރާކޮށްފައިވާ ކަމަށާއި މިހާރުގެ ހާލަތަށް ބަލާނަމަ އިސްތިއުފާ ދިނުން އެންމެ އެދެވިގެން ވާކަމަށް ފެންނާތީ އިސްތިއުފާ ދޭން ނިންމީ ކަމަށެވެ.
މި އިސްތިއުފާ ދެއްވުމުގެ ކުރިން، 2026 ބަޖެޓު ޒެލިޔާޒްކޮވް އަނބުރާ ގެންދެވުމުންވެސް ބުދަ ދުވަހުގެ ރޭ ވެރިރަށް ސޯފިއާ އަދި އެހެނިހެން ސިޓީތަކުގައި މުޒާހަރާކުރާ މީހުން މަގުތަކަށް ނިކުމެފައި ވެއެވެ.
މުޒާހަރާކުރާ މީހުން ނުރުހުން ފާޅުކުރަމުން ދިޔަ އެއް ކަމަކީ، ޓެކްސްއާއި ސޯޝަލް ސެކިއުރިޓީގެ ހިއްސާ ބޮޑުކުރުމަށް ހުށަހެޅި ހުށަހެޅުންތަކެވެ. މުޒާހަރާގެ ބައިވެރިން ބުނި ގޮތުގައި މި ފައިސާއިން ހަރަދުކުރާނީ ކޮރަޕްޝަނަށް ކަމަށާއި، އާދައިގެ ބަލްގޭރިއާ ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ކުރިއެރުމެއް ނުފެންނަ ކަމަށެވެ. ހާއްސަކޮށް ބަލްގޭރިއާ ޒުވާނުން ވަނީ މި މުޒާހަރާތަކުގައި ބައިވެރިވެ، ގައުމުގައި މުސްތަގުބަލެއް ރާވާނެ ގޮތެއް ނެތް ކަމަށް ބުނެފައެވެ.
ބަލްގޭރިއާގެ ރައީސް ރޫމެން ރާޑޭވް ވެސް ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައްވާފައި ވެއެވެ. ރައީސް ރާޑޭވްގެ ސިޔާސީ ބާރު ކުޑަ ނަމަވެސް، އޭނާއަށް މިހާރު ޖެހިފައިވަނީ ބަލްގޭރިއާގެ ސިޔާސީ ޕާޓީތަކަށް ގޮވާލައި އާ ސަރުކާރެއް އެކުލަވާލުމަށެވެ.