ޣައްޒާގެ މަގުތަކުގައި ބޯކޮށް ވާރޭވެހި، ގަދަ ވައިރޯޅިތަކުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާއިރު، ފަލަސްތީނުގެ ކުޑަކުދިންތަކެއް ކުނިގޮނޑުތަކުންނާއި މަގުމަތިން ކާބޯތަކެތި ހޯދަމުން ދާ ހިތްދަތި މަންޒަރުތަކެއްގެ ވީޑިއޯތަކެއް އާންމުވެއްޖެއެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ހަޑި ފެނާއި ކުނިތަކުގެ ތެރެއިން ކާނެ އެއްޗެއް ހޯދުމުގެ އުއްމީދުގައި ކުޑަކުދިން އުޅޭ މަންޒަރު ފެނިގެންދެއެވެ.
ސަހްޔޫނީންގެ ހަމަލާތަކުގައި ގެދޮރު ހަލާކުވެ، އާއިލާތައް ގެއްލުމުގެ ސަބަބުން ޣައްޒާގެ ގިނަ ރައްޔިތުންނަށް މިހާރު ގަވާއިދުން ކާބޯތަކެތި ނުވަތަ ބޯހިޔާވަހިކަމެއް ނުލިބެއެވެ. އެހީގެ ކާނާ މަދުވެ، ލިބުނު ކާތަކެތިވެސް ހުސްވެފައިވާ މި ދަނޑިވަޅުގައި، މައިންބަފައިންނަށް ވަނީ ދަރިންނަށް ދުވާލަކު އެންމެ ކެއުމެއްވެސް ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.
ފިނި މޫސުމާއި ޣައްޒާގެ ރައްޔިތުން ކުރިމަތިލާފައިވާއިރު މި މޫސުމާއި އެކަށީގެންވާ ހެދުންތައްވެސް ޣައްޒާގެ ރައްޔިތުންގެ އަތުގައި ނެތެވެ. ޣައްޒާގެ ރައްޔިތުންނަށް ޚާއްސަކޮށް ކުޑަކުދިންނަށް މި މޫސުމުން އެއްވެސް ރައްކާތެރިކަމެއް ނުލިބެއެވެ.
Palestinian children were seen scavenging for food amid piles of garbage in the streets, as harsh winds and rain hit the Gaza Strip. pic.twitter.com/fAY4sSECQf
— Al Jazeera English (@AJEnglish) December 15, 2025
ޑޮކްޓަރުންނާއި އެހީތެރިން ވަނީ ޣައްޒާގެ ކުޑަކުދިންނަށް މި ހާލަތުގެ އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް އިންޒާރު ދީފައެވެ. މަސްތަކެއް ވަންދެން ހަމަނުޖެހުމާއި، ގެއްލުންތަކާއި، ދަތިކަމުގެ ތެރޭގައި އުޅުމުގެ ސަބަބުން ގިނަ ކުޑަކުދިން ވަނީ ބަލިވެ، ބަލިކަށިވެ، ނަފްސާނީގޮތުން ވެސް ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. ސާފު ފެނާއި، ހެދުމާއި، އަސާސީ ކާނާ ހޯދަން ކޮންމެ ދުވަހަކު ވެސް ދަނީ ދަތިތައް ކުރިމަތިވަމުންނެވެ.
ޣައްޒާގެ ކުޑަކުދިންގެ މި މަންޒަރުތަކުން މައުސޫމް ކުދިން ތަހައްމަލު ކުރަމުންދާ ތަކުލީފުތައް ފެނިގެންދެއެވެ. މި ކުދިން ހިމާޔަތްކުރުމުގައި މިއަދު ދުނިޔެ މިވަނީ ނާކާމިޔާބު ވެފައެވެ.