އިންޑިއާގެ ވެރިރަށް ދިއްލީގައި ވައިގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެ، މިއަދު އެތައް ފްލައިޓެއް ކެންސަލްކޮށް، އެތައް ސަތޭކަ ފްލައިޓް ޑިލޭ ވެފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
މި ހާދިސާގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ހުރަހެއް ކުރިމަތިވެފައިވާއިރު، ވައި ނުސާފުކަމުގެ އަަސަރު ރާއްޖެއަށް ވެސް ވަނީ ކުރިމަތިވެފައެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، ދިއްލީގައި މިއަދު 61 ފްލައިޓް ކެންސަލް ކުރެވުނުއިރު، 400 އެއްހާ ފްލައިޓް ވަނީ ޑީލޭ ވެފައެވެ. މިއަދު ހެނދުނު 7:05 ގައި ދިއްލީގެ ވައިގެ ފެންވަރު ދައްކުވައިދޭ އެއަރ ކޮލިޓީ އިންޑެކްސް (އޭކިއުއައި) ހުރީ 454 ގައެވެ. މިއީ ވަރަށް ނުރައްކާތެރި މިންވަރެއްކަން ފާހަގަކޮށްލެވެއެވެ.
މިކަމުގެ ސަބަބުން، އާޖެންޓީނާގެ ފުޓުބޯޅަ ތަރި ލިއޮނެލް މެސީ އިންޑިއާ އަށް ކުރަމުންދާ "ގޯޓު ޓުއާ"ގައި މުމްބާއީން ދިއްލީ އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު ވެސް ވަނީ ޑީލޭ ވެފައެވެ. މެސީގެ ދަތުރުގެ ފަހު މަންޒިލް ކަމަށްވާ ދިއްލީ އަށް އޭނާ ދަތުރުކުރި ފްލައިޓް ޖައްސަން ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 11 ޖެހިއިރު ކަމަށް ވިޔަސް، އެ ފްލައިޓް ޖެއްސީ ބޯ ދުންފުނީގެ ސަބަބުން މެންދުރު ފަހު 2 ޖެހިއިރު ކަމަށް ނޫސް އެޖެންސީތަކުން ބުންޏެވެ.
މީގެ އިތުރުން، ދިއްލީއަށް ދަތުރު ކުރަމުންދިޔަ ފަސް ފްލައިޓެއް ވެސް އެހެން އެއާޕޯޓްތަކަށް ވަނީ ޑައިވާޓް ކޮށްފައެވެ. ދިއްލީ އެއާޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވައި ނުސާފުވުމުގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ، ޑީލޭ ވުމުގެ ފުރުސަތު އަދިވެސް ބޮޑު ކަމަށެވެ.
ދިއްލީއަކީ ދިވެހިން ދަތުރުފަތުރު ކުރުމުގައި މެދު މަގެއްގެ ގޮތުގައި ބޭނުންކުރާ މައިގަނޑު މަންޒިލަކަށް ވުމާއެކު، މިކަމުގެ ސަބަބުން ރާއްޖެއިން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށާއި، އިންޑިއާއިން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް ވެސް ޑީލޭތަކާ ކުރިމަތިލާން ޖެހިދާނެއެވެ. ޚާއްސަކޮށް، ބޭސްފަރުވާއަށް ނުވަތަ ތައުލީމީ ބޭނުންތަކަށް ދަތުރުކުރާ ދިވެހިންނަށް މިކަމުގެ އަސަރު ފޯރާނެ ކަމަށް ބެލެވެއެވެ.