theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މުއިއްޒު / ގޫގުލް
ސިޔާސީ
ހިޔާ ޖޫރިމަނާ މާފުކުރި ކަމަށް ބުނެ ސިޓީ ފޮނުވީ 'ވަކަރަށް ޖަހާލަން': ޖަލްސާގެ ބައިވެރިއެއް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
19 ޑިސެމްބަރު 2025
މާލެ ސިޓީ

ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިން ކަމަށް ބުނެ ސަރުކާރުން ފޮނުވި ސިޓީއަކީ ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި ފޮނުވި ސިޓީއެއް ކަމަށް ރައީސް މުއިއްޒު ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ބައްދަލުވުމުގައި ބައިވެރިވި މީހަކު ސިފަކޮށްފިއެވެ.

ރައީސް މުއިއްޒު ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ބުދަ ދުވަހު ހިޔާގައި އުޅޭ ފަރާތްތަކަށް ސިޓީ ފޮނުވާފައެވެ. ނަމަވެސް، މި ބައްދަލުވުމުގައި ކަންބޮޑުވުން ހިއްސާކުރެއްވި އިސްމާއީލް މީރާން ކިޔާ ފަރާތަކުން ބުނި ގޮތުގައި، މިއީ ހަގީގަތުގައި ރައްޔިތުންނަށް ލިބުނު ބޮޑު ލުޔެއް ނޫން ކަމަށެވެ.

މީރާން ފާހަގަކުރެއްވި ގޮތުގައި، ފެށުނީއްސުރެ މިއަދާ ހަމައަށް ހިޔާ ފްލެޓަށް ކުލި ނުދައްކާ ހުރި މީހެއްގެ މައްޗަށް އަރާފައިވާ ޖޫރިމަނާއަކީ އެންމެ 1,086.45 ރުފިޔާއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު މިއީ ވަރަށް ކުޑަ އަދަދެއް ކަމަށާއި، މިފަދަ ކުޑަ އަދަދެއް އުނިކޮށްދީފައި "ޖޫރިމަނާ މާފުކޮށްފީ" އޭ ބުނުމަކީ ރައްޔިތުންނަށް ކަންތައްތައް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ޖޫރިމަނާގެ މައްސަލައިގެ އިތުރުން، ހިޔާގައި ދިރިއުޅޭ ފަރާތްތަކުން ވަނީ 2500 މީހުން ސޮއިކޮށް، އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިމަނާ ރޭ ރައީސްއަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. އެ ޕެޓިޝަންގައި ހިމެނޭ ބައެއް މުހިއްމު ކަންބޮޑުވުންތައް މީރާން ވަނީ ޖަލްސާ ތެރޭގައި ހިއްސާ ކޮށްފައެވެ. އެއީ:

  • ރިޔާސީ ވައުދާ އެއްގޮތަށް، ފްލެޓްތަކުގެ އަގުން ދެ ލައްކަ ރުފިޔާ އުނިކޮށްދިނުން.

  • ހިޔާގެ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް ހާއްސަ ކޯޕަރޭޓިވް ސޮސައިޓީއެއް އުފެއްދުން.

  • ރައްޔިތުންނަށް ފައިދާވާނެ ގޮތަށް، އިންސާފުވެރި އެއްބަސްވުމެއްގައި ސޮއިކުރަން ފުރުސަތު ދިނުން.

  • ފްލެޓް ސަރަހައްދުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ރަނގަޅުކުރުން.

މީރާން ވަނީ ހިޔާ ފްލެޓުތަކުގެ އާ އެގްރީމެންޓު ތައްޔާރުކޮށްފައި ވަނީ އެޗްޑީސީއަށް ބޭނުން އިރެއްގައި ކުލި ބޮޑުކުރެވޭ ގޮތަށް ކަމަށާއި، އެއީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން، ރައްޔިތުންގެ ފަޅީގައި ހުރެ ވެރިކަން ކުރައްވާނަމަ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް އެ އެއްބަސްވުން ބަދަލުކުރުމަށް އޭނާ ވަނީ ގޮވައިލައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved