
މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ނަސްލީ ތަފާތުކުރުން ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ އޮޕްޝަނެއް ނޫންކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ މޭޔަރަލް ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވަނީ، ރޭގަނޑުގެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ދިވެހިން ނޫން މީހުން ހުއްޓުވައި ސުވާލުކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
މި މައްސަލައަށް އަލިއަޅުވާލާ ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދިވެހި މުޖުތަމައުގައި ދިރިއުޅޭ ހުރިހާ އެންމެން ރައްކާތެރިކޮށް ބެހެއްޓޭނެ ޕޮލިސިންގއެއް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށެވެ. އެއީ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް، އިންސާފުވެރިކަމާއެކު އަދި އެއްވެސް ތަފާތުކުރުމެއްނެތި ހިންގޭނެ ޕޮލިސީއަކަށް ވާންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޤައުމިއްޔަތަށް ނުވަތަ ސިފައަށް ބަލައިގެން ވަކި ބަޔަކަށް އަމާޒުކޮށްގެން ރައީސަކު ނިންމަވާ އެފަދަ ނިންމުންތަކަކީ އާންމުންގެ އިތުބާރު ގެއްލި، ޤާނޫނުގެ ވެރިކަން ބަލިކަށިވާ ކަމެއް ކަމަށް ޒަރިޔަންދު ފާހަގަކުރެއްވިއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމަޢުގައި ބައިބައިވުން އުފެދި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެންދާ ކަމަށް ވިދާޅުވިއެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، އާންމުންގެ ރައްކާތެރިކަން އެންމެ ފައިދާހުރި ގޮތުގައި ކަށަވަރު ކުރެވޭނީ ތަންފީޛީ އިދާރާތަކުން ރަނގަޅު މައުލޫމާތުތަކުގެ މައްޗަށް އޮޕަރޭޓްކޮށް، އެއްވެސް ތަފާތުކުރުމެއް ނެތި އަދި ފުރިހަމައަށް ޖަވާބުދާރީވާން ދަސްކޮށްގެން ކަމަށެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ގޮތަކީ މިފަދަ ކަންކަމަށް ވިސްނައިގެން ކުރިއަށް ދިޔުން ކަމަށް ޒަރިޔަންދު ގަބޫލުކުރާ ކަމަށްވެސް އެކްސް ޕޯސްޓްގައި ވަނީ ފާހަގަކުރެއްވިއެވެ.










