ރާއްޖޭގެ އިގްތިސޯދު އޮތީ ހަމައަކަށް އެޅި ކޮޅަށް ޖެހިފައި ކަމަށް ސަރުކާރުން ބުނަމުންދާ ދިއުމާ ގުޅިގެން ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ރައްދުތަކެއް އަމާޒުކުރައްވައިފިއެވެ.
ބުދަ ދުވަހުގެ ރޭ އެމަނިކުފާނުގެ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓްއިން ބޭއްވި "ރީސެޓު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ގައުމު އިގްތިސޯދާ ގުިގެން ވެސް އަދި އެހެނިހެން ކަންކަމާ ގުޅިގެންވެސް ސަރުކާރުން ދޮގުތައް ފަތުރަމުންދާ ކަމަށާ އެހެންކަމުން ހުރިހާ ދިމާއަކުން އޮތީ ރީސެޓު ކުރަން ޖެހިފައި ކަމަށެވެ.
އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި އެމނަިކުފާނު ފާހަގަކުރެއްވީ ރައްޔިތުންގެ ފުދުންތެރިކަން ދަށަށް ގޮސް ގައުމު މިއަދު އޮތް ހާލަތު ރީސެޓުކުރުމެވެ. އެގޮތުން 2013 އިން 2018 އަށް ވެސް ގައުމުގައި ވެރިކަމެއް ކުރި ކަމަށާ ނަމަވެސް ގައުމުގެ ހާލަތު އޭރު ހުރީ ރައްޔިތުން ހިތްހަމަ ޖެހިގެން ދިރިއުޅޭވަރުގައި ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މިހާރު އެހެން އެކަން ނުވަން ޖެހޭ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމުގެ އިގްތިސޯދު އޮތީ އޯކޭ ކޮށޭ ބުނެ ސަރުކާރުން ހަދަނީ ދޮގުކަން ހިސާޞު އަކުރުތަކުން ފެންނަން ހުރި ކަމަށާ އެހެންކަމުން ހިސާބު އަކުރުތަކުން މިސާލު ދެއްކުމުން ޖަދަލު ކުރެވޭނެ ޖާގަ ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ފެކްޓަށް ބޭސް ކޮށްފައިވާ ޗާޓަށް ބެލުމުން ފެންނާނީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ކަމަށެވެ. އަދި އެހެން ގޮތަކަށް އެކަން ފެންނަ ނަމަ ޗާޓަށް ބަލަން ޖެހޭނީ އެކޮޅުކޮޅުން ކަމަށެވެ.
މި ސިސްޓަމް ރީސެޓުކޮށް ގައުމަށް ހެޔޮ ބަދަލުގެނައުމަށްވެސް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކޮށް ގޮވާލައްވާފައިއެވެ.