
އެއްވެސް ފަރާތެއްގެ ގޮނޑިކޮއްކޮއަކަށްވެދާނޭ ކަމަށް ގެންގުޅުއްވާ ވިސްނުން ޤަބޫލެއްނުކުރެވޭކަމަށް މޭޔާރ އިލެކްޝަންގައި ވާދަކުރައްވާ ގައުމީ ކެންޑިޑޭޓު، އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިފަދައިން ވިދާޅުވީ މީހެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ޒަރިޔަންދުއާއި ކުރެވުނު ސުވާލުގައި ވަނީ، ޒަރިޔަންދުވެސް ކުރިއަށް އޮތްތަނުގައި ރައީސް އަބްދުﷲ ޔާމީންގެ "ޕަޕެޓަކަށް" ވެދާނެތޯ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ޒަރިޔަންދު ވިދާޅުވީ، ދައުލަތުގެ ޚިދުމަތެއްގައި ޢާންމު ލޯތަކުން ދުރުގައި ކަންކަން ނިންމުމުގެ ފުރުސަތު ލިބިފަވަޑައިގެންފައި ވީނަމަވެސް އެ މަސްޢޫލިއްޔަތަށް ކަނޑައަޅާފައިވާ ހަމަތައް ތަންފީޒުކުރެއްވުމުގައި އަބަދުވެސް ގެންގުޅުއްވި މިނިވަން ހިޔާލު ދޫކޮށް ނުލައްވާނެ ކަމަށާއި، މިވަގުތުވެސް އަދި މުސްތަޤްބަލުގައިވެސް އެގޮތުގައި ހުންނަވާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ފަރާތެއްގެ ވެރިކަމެއްގައިވެސް، ދައުލަތުގެ މަސައްކަތެއް ކުރުމުގައި ގެންގުޅުއްވާނީ ޤާނޫނާއި ޤަވާއިދުގެ ދަށުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ހަމަތައްކަމަށްވެސް ޒަރިޔަންދު ވިދާޅުވިއެވެ.
ފުރަތަމަ އިނގިރޭސި ބަހުން މި ޕޯސްޓު ކުރެއްވި ނަމަވެސް، އެއަށް ދިވެހިން ރިޕްލައިއެއް ޕޯސްޓުކުރައްވާ ޒަރިޔަންދު ވިދާޅުވީ، ދިވެހިބަހަކީ އެންމެ މުހިންމު ބަސްކަމަށެވެ.










