theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / އަލްޖަޒީރާ
ދުނިޔެ
ފިނިން ސަލާމަތްވާނެ ގޮތެއް ނެތި ޣައްޒާ ރައްޔިތުން ނިކަމެތި ހާލުގައި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
28 ޑިސެމްބަރު 2025
މާލެ ސިޓީ

ފަލަސްތީނުގެ ޣައްޒާގައި ސަހްޔޫނީން ދެމުންދާ ނިރުބަވެރި ހަމަލާތަކުގެ ސަބަބުން މިހާރުވެސް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ އެތައް ލައްކަ ރައްޔިތުންނަށް، ފިނި މޫސުން ފެށިގެން އައިސްފައިވުމުން ދިމާވެފައިވާ ދަތިކަމާއި ނިކަމެތިކަން އިތުރުވެއްޖެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެކަށީގެންވާ އެހީތެރިކަމެއް ނުލިބި، ހަނގުރާމައިން ލިބުނު ނިކަމެތި ކަމުގެ އިތުރުން ފިނި މޫސުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވަނީ ބޮޑު ހިތާމައަކާއެވެ.

ސަހްޔޫނީން ދީފައިވާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ގެތަކެއް ބިމާ ހަމަވެ، އެތައް ހާސް ބަޔަކަށް ގެދޮރު ގެއްލިފައިވާއިރު، ފިނި މޫސުމުގައި އެމީހުން ދިރިއުޅެން ޖެހިފައިވަނީ ނުރައްކާތެރި ހާލަތުގައެވެ. ގިނަ ޢާއިލާތަކެއް މިހާރުވެސް ދިރިއުޅެމުންދަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައި، ނުވަތަ ވަގުތީ ކޭމްޕުތަކުގައި ބޯހިޔާވަހިކަމެއް ނެތިއެވެ. ފިނި މޫސުމަށް އެކަށީގެންވާ ވަގުތީ ހިޔާތަކެއް ވެސް ނެތުމުގެ ސަބަބުން، ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ.

މި ފިނި މޫސުމުގައި ހަށިގަނޑު ހޫނުކޮށްދޭނެ ރަނގަޅު އަންނައުނު ނެތުމަކީ ވެސް ޣައްޒާގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. ސަހްޔޫނީންގެ ބާރުގެ ސަބަބުން ޣައްޒާ ސަރަހައްދު ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށް ބަންދުކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން، ފިނިން ރައްކާތެރިކޮށްދޭނެ އެއްވެސް އެހީތެރިކަމެއް ނުލިބި، ގިނަ ކުޑަކުދިންނާއި މުސްކުޅިން ދަނީ ވަރަށް ބޮޑަށް ހާލުގައި ޖެހެމުންނެވެ. ބައެއް މީހުންނަށް ލިބެންހުރި ހެދުންތައް ވެސް ހުރީ ފިނިކަމުން ހިމާޔަތް ނުކުރެވޭ ފަދަ ގޮތަކަށެވެ.

ފިނި މޫސުމުގައި ބޯހިޔާވަހިކަމާއި އަންނައުނު ނެތުމުގެ އިތުރުން، އެކަށީގެންވާ ކާނާ އާއި ސާފު ފެނާއި، ބޭސްފަރުވާގެ ދަތިކަން ޣައްޒާގެ ރައްޔިތުންނަށް ދަނީ އިތުރަށް ކުރިމަތިވަމުންނެވެ. މިކަންކަމުގެ ސަބަބުން، ވަކިން ޚާއްޞަކޮށް ކުޑަކުދިންނާއި މުސްކުޅިންގެ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ފިނި އާދަޔާ ޚިލާފަށް ގަދަވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހިސާބަށް ދާކަމަށް މަޢުލޫމާތު ލިބެއެވެ.

ޣައްޒާގެ ރައްޔިތުން މި ވަގުތު ކުރިމަތިލަމުންދާ ނިކަމެތި ހާލަތަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކެއް ހޯދާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved