theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒުގެ މަގްސަދަކީ ވައްކަމާ ކޮރަޕްޝަން ބަލާނެ ހުރިހާ ނިޒާމެއް ފުނޑާލުން: ޑރ ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
31 ޑިސެމްބަރު 2025
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މަގްސަދަކީ ދައުލަތުގެ ތެރޭގައި ހިންގާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާނެ ހުރިހާ ނިޒާމެއް ފުނޑާލުން ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފްގެ) ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާ އިސްމާއިލް ސާޖިދު މަގާމުން ސަސްޕެންޑް ކުރި ޚަބަރާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ޖަމީލް ވިދާޅުވީ، މުޅި ނިޒާމު އެއްކޮށް ގަޑުބަޑު ކުރަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒު މިދެއްވަނީ ވަރަށް ސާފު މެސެޖެއް ކަމަށާއި، އެއީ ވައްކަމާއި ކޮރަޕްޝަން ބަލާނެ ހުރިހާ ނިޒާމެއް ފުނޑާލައި، ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވާނެ ބަޔަކު ތިބެގެން ނުވާނެ ކަމުގެ މެސެޖު ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

"މިގޮތަށް ކަންތައް ކުރަނީ މިސަރުކާރުގެ ވައްކަމާ ކޮރަޕްޝަން ގިނަވީމަ،" ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް މިވަގުތު ހިމާޔަތް ލިބިފައިވީ ނަމަވެސް، މިކަންކަމަށް އިންސާފު ގާއިމުކުރެވޭނެ ވަގުތު އިރާދަކުރެއްވިއްޔާ އަންނާނެ ކަމަށެވެ. މި ސަރުކާރުގައި ހަރަކާތްތެރިވަމުންދާ ވުޒާރާތަކާއި، އިދާރާތަކުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަނުގެ މައްސަލަތައް މިވީ ދެ އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ސަރުކާރުން ވަނީ މި މައްސަލަތައް ތަހުގީގުކުރުމަކާއި ނުލާ ފަސްއަޅާ ފޮރުވާފައެވެ.

މިގޮތުން، އެފް.އައި.ޔޫ ގެ ކުރީގެ ވެރިޔާގެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް ވަނީ ބާރަށު ދާއިރާގެ މެންބަރު ޝުޖާއުގެ ކޮރަޕްޝަނުގެ މައްސަލައިގެ ފައިނޭންޝިއަލް ލިޔެކިޔުންތަކެއް ލީކުވުމާއި ގުޅިގެން މަގާމުން ދުރުކޮށްފައެވެ.

މިއީވެސް، މުއިއްޒުގެ ބޮޓުން ދިފާއުކޮށް ކޮރަޕްޝަންގެ ހާއްޔަކަށް މުޅި ދައުލަތް ހެދުމަށް މުއިއްޒު ކުރެއްވި ކަމެއް ކަމަށް އޭރުވެސް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައެވެ.

އެމްއެމްއޭގެ އެފްއައިޔޫގެ ވެރިޔާ ސަސްޕެންޑް ކުރި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާއިރު، މިއީ ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަމަށް އަސަރުކުރާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved