
ފަލަސްތީނުގެ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަހްޔޫނީން އަޅާފައިވާ ހުރަސްތައް ވަގުތުން ނައްތާލުމަށް ބެލްޖިއަމްގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު މެކްސިމް ޕްރެވޮޓް ސަހްޔޫނީންނަށް ގޮވާލައްވައިފިއެވެ.
ބެލްޖިއަމްގެ ފޮރިން މިނިސްޓަރު މިކަމަށް ގޮވާލެއްވީ ފަލަސްތީނުގެ ޣައްޒާ އާއި ހިފާފައިވާ އެހެނިހެން ސަރަހައްދުތަކުގައި އިންސާނީ ކާރިސާއެއް ކުރިމަތިވެ، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ވަގުތެއްގައެވެ.
މެކްސިމް ޕްރެވޮޓް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަށަވަރުކޮށްދޭންޖެހޭ ކަމެއް ކަމަށެވެ. އަދި ސަހްޔޫނީނުން އެހީގެ ގާފިލާތަކަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުށެއްނެތް އާންމު ރައްޔިތުން، ޚާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ތަހައްމަލު ކުރަމުންދާ ތަދަށް ނިމުމެއް ގެންނަންޖެހޭ ކަމަށްވެސް ބެލްޖިއަމްގެ ސަރުކާރުން ވަނީ ބުނެފައެވެ.
ބެލްޖިއަމް ފަދަ ޔޫރަޕްގެ ގައުމުތަކުން އިސްރާއީލަށް މިފަދަ ފިއްތުންތައް ކުރިމަތިކުރުމަކީ ފަލަސްތީނުގެ ހައްގުގައި ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ބެލެވެއެވެ.










