
އާޚިރައް ދުވަހުގެ ބޮޑު އިމްތިޙާނަށް ތިބާ ކިހާ ވަރަކަށް ތައްޔާރުވެފައިވޭތޯ މިއަދުގެ ޚުތުބާގައި މުސްލިމް އުއްމަތާއި ސުވާލުކޮށްފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާތްﷲގެ ޙަޟްރަތުގައި ކޮއްޅަށް ތިބޭ ދުވަސް" މި މައުޟޫޢުގެ މައްޗަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މި ޚުތުބާގައި، އާޚިރަތް ދުވަހުގެ ބިރުވެރިކަމާއި އެދުވަހަށް ތައްޔާރުވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮންމެ އިންސާނަކީވެސް މަރުގެ ރަހަ ދެކޭނެ މީހެކެވެ. ދުނިޔަވީ ޙަޔާތަކީ ވަގުތީ އުފަލެއް ކަމާއި، މަރަށް ފަހު އަންނަން އޮތް ދާއިމީ ޙަޔާތަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
މިއަދުގެ ދުނިޔޭގައި އަހަރުމެން ކުރިމަތިލާ އިމްތިޙާނުތަކަށްވުރެ މާ ބޮޑު، މާ ނުރައްކާތެރި އިމްތިޙާނެއް ކުރިމަތީގައި އެބައޮތްކަން ފާހަގަކުރަމުން ޚުތުބާގައި ބުނީ، އެއީ އާޚިރަތް ދުވަހުގެ އިމްތިޙާނު ކަމަށެވެ. ދުނިޔޭގެ އިމްތިޙާނުތަކާ ޚިލާފަށް، އާޚިރަތުގެ އިމްތިޙާނުގައި ދެވަނަ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެއީ ހުރިހާ އެންމެންވެސް މަޖުބޫރުވެގެން ކުރިމަތިލާންޖެހޭނެ އިމްތިޙާނެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މަރު އައިސް ބައްދަލުކުރުމުން، އެއްވެސް ލަހެއް ފަހެއް ނެތި އެކަމަށް އިޖާބަދޭންޖެހޭނެއެވެ. އެއަށްފަހު ޤިޔާމަތް ދުވަހާ ހަމައަށް އޮންނާނީ ކަށްވަޅުގެ ޙަޔާތެވެ. މަޙްޝަރު ކުރައްވާ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން ފާހަގަކޮށް، އެ ބިރުވެރި މައިދާނުގައި ފަންސާސް ހާސް އަހަރުގެ މުއްދަތަށް މަޑުކުރަން ޖެހޭނެކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ނަމަވެސް، އެ ބިރުވެރި ދުވަހަކީ ތިމާއަށް ލުއިފަސޭހަ ދުވަހަކަށް ހެދުމުގެ ބާރު މިއަދު އޮތީ އަހަރުމެންގެ އަތްމަތީގައި ކަމަށާއި، އެއީ ހެޔޮ އަމަލުތައް ކުރުން ގިނަކޮށްގެން ކަމަށްވެސް ޚުތުބާގައި ބަޔާންކުރިއެވެ.
ކީރިތި ޤުރުއާނާއި ރަސޫލާ ﷺ ގެ ސުންނަތުގައި އެ ދުވަހުގެ ބިރުވެރިކަން ތަކުރާރުކޮށް ގެނެސްދީފައިވަނީ، އިންސާނުން އެކަމުން އިބުރަތް ޙާޞިލުކޮށް، އެ ބޮޑުވެގެންވާ ދުވަހަށް ފުރިހަމައަށް ތައްޔާރުވުމަށްޓަކައި ކަމަށް ޚުތުބާ ނިންމާލަމުން ބުނެފައިވެއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި، އާޚިރަތް ދުވަސް ހަނދާން ނައްތާލުމަކީ އިންސާނާއަށް ކުރެވޭނެ އެންމެ ބޮޑު ކުށްހީ ކަމަށެވެ. އެހެންކަމުން، މިއަދަކީ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ ވަގުތެވެ. މާތްﷲ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެ، އަމުރުކުރެއްވި ކަންކަމަށް ފުރިހަމައަށް ބޯލަނބައި، ގިނަގިނައިން ތައުބާވުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.
މަރު އައިސް ތިބާއާ ބައްދަލުކުރާނީ ކޮން ވަގުތަކު ކަމެއް އެކަކަށްވެސް ނޭނގެއެވެ. މިއަދު ތިބާއަށް ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ނަމާދުތަކަށް ރައްކާތެރިވެ މީސްތަކުންގެ ޙައްޤުތަކަށް އަރައިނުގަންނާން ޚުތުބާގައި ނަސޭހަތްތެރިވިއެވެ. އަދި އާޚިރަތުގެ ބޮޑު އިމްތިޙާނުން ފާސްވުމަށްޓަކައި، ހެޔޮ އަމަލުތަކުގެ ތޮށަލި ބަރުކުރުމަށް މިއަދުން މިއަދަށް އަވަސްވެގަތުމަށާއި އެދުވަހުން ތިބާއަށް މަންފާއެއް ކުރާނެ ހަމައެކަނި އެއްޗަކީ ތިބާ އިޚްލާޞްތެރިކަމާއެކު ކުރި ހެޔޮ އަމަލުތައް ކަމަށްވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.




