February 21, 2026
Advertisement
Khuthba
Khuthba / ސޯޝަލް މީޑިއާ

ރޯދަމަހަކީ ތަގުވާވެރިވުމާއި ތައުބާވުމުގެ މައްސަރު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 20, 2026, 01:06 PM
މާލެ ސިޓީ

މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "ތަގުވާވެރިވުމާއި ތައުބާވުމުގެ މައްސަރު" މި މައުޟޫއަށެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި މި ޚުތުބާގައި، ބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް ވަނީ ގޮވާލާފައެވެ.

Advertisement

ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، ތަގުވާވެރިވުމަކީ މާތްﷲ އަމުރުކުރެއްވި ކަންތައްތައް އަދާކުރުމާއި، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމެވެ. ރޯދައިގެ އެންމެ ބޮޑު މަގުސަދަކީ ވެސް މީސްތަކުންގެ ހިތްތަކުގައި ތަގުވާވެރިކަން އަށަގަންނުވައި، ނަފްސު ތާހިރުކުރުމެވެ.

މި މައްސަރަކީ އެތައް ގޮތަކުން މާތްﷲ މަތިވެރިކުރައްވާފައިވާ މައްސަރެކެވެ. އެގޮތުން ކީރިތި ގުރުއާން ބާވައިލެއްވުމާއި، މި މަހުގެ ރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލް ގަދްރިވިލޭރޭ ލެއްވުން ހިމެނެއެވެ. އަދި މިއީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުކުރެވި، ޝައިތާނުން ކަސްތޮޅު އެޅުވޭ މައްސަރުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ތައުބާވުމާ ގުޅޭގޮތުން ވާހަކަދައްކަމުން ޚުތުބާގައި ބުނީ، ތައުބާވުމަކީ ކުރެވުނު ފާފަތަކަށް ދެރަވެ، އެކަން ދޫކޮށްލައި، އަލުން އެކަމަށް ނުއެނބުރުމަށް އަޒުމް ކަނޑައެޅުން ކަމަށެވެ. މާތްﷲ ވަނީ ތައުބާވުމަށް އަމުރުކުރައްވާފައެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. "وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ" މާނައީ: "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން މާތްﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ފަލާހުލިބުމަށްޓަކައެވެ."

ޚުތުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، ތައުބާވުމަކީ މީހާ ތަގުވާވެރިކަންމަތީ ދެމިހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މި މައްސަރުގެ މާތްކަން ހޯދުމަށްޓަކައި ކީރިތި ރަސޫލާ ﷺ އަމަލުކުރެއްވި ގޮތް ދަސްކޮށް، އެކަލޭގެފާނުގެ ސުންނަތުގައި ހިފެހެއްޓުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން ގިނަގިނައިން ގުރުއާން ކިޔެވުމާއި، ރޭއަޅުކަން ކުރުމާއި، ދަތި ހާލުގައި އުޅޭ މީހުންނަށް އެހީތެރިވުމާއި، ދޫ ރައްކާތެރިކުރުމުގެ މުހިންމުކަން ޚުތުބާގައި ފާހަގަކުރިއެވެ.

މީގެ އިތުރުން، މީހުން ދިރިއުޅޭ ރަށްތަކުގައި ރޯދަމަހުގެ ދުވާލު ވަގުތުތަކުގައި، ހާމަކަން ބޮޑު ގޮތެއްގައި ރެސްޓޯރަންޓް ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ޚިދުމަތް ދިނުމަކީ އެއްވެސް ގޮތަކަށް ހުއްދަވާނޭ ކަމެއް ނޫންކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭ ރަށްތަކުގައި ވެސް، ރޯދަ ނުހިފާ މީހުންނަށް ޚިދުމަތް ދިނުމުގައި ރޯދައިގެ ހުރުމަތް ނުގެއްލޭނޭ ފަދަ ޚާއްސަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޚުތުބާގައި ވަނީ އިރުޝާދު ދީފައެވެ.

މިއާއި އެކު މި ބަރަކާތްތެރި މަހުގެ ހުރުމަތް ހިފެހެއްޓުމަށާއި ސަވާބު ހޯދުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ބާރުއަޅާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved