theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ޚުތުބާގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ޙަޤީޤީ އެކުވެރިންނާއި ރަޙުމަތްތެރީން އެނގޭނީ ކުރިމަތިވާ ބޮޑެތި ކަންތައްތަކުން: ހުކުރު ޚުތުބާ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ޖެނުއަރީ 2026
މާލެ ސިޓީ

ކީރިތި ރަސޫލާ صައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ސީރަތަކީ މުސްލިމުން ޢިބުރަތް ހާސިލުކުރަންޖެހޭ ގިނަގުނަ ހާދިސާތަކެއް އެކުލެވިގެންވާ މަތިވެރި މަދަރުސާއެއްކަން ފާހަގަކުރައްވައި، އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައްވައިފިއެވެ.

"އިސްރާއި މިއުރާޖުގެ ޢިބުރަތްތައް" މި މައުޟޫޢަށް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބަޔާންކުރި ގޮތުގައި، މިއީ ރަސޫލާ صައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްވި ބޮޑުވެގެންވާ މުޢުޖިޒާތެކެވެ. ރަޖަބު މަހުގެ ހަތާވީސް ވިލޭރޭ ހިނގި ކަމަށް މަޝްހޫރުވެފައިވާ މި ހާދިސާއަކީ އީމާންކަމާއި އަޚުވަންތަކަން ވަރުގަދަކުރުމަށް ލިބޭ މަތިވެރި ޒިކުރާއެކެވެ. މި ދުވަސްވަރަކީ އެ މަތިވެރި ހާދިސާގެ ހަނދާންތައް އާވަމުންދާ ދުވަސްވަރަކަށް ވުމާއެކު، މިއީ އެކަލޭގެފާނުގެ ވަސްމީރު ސީރަތް އުނގެނި ދިރާސާކޮށް، އަޒުމްތައް އާކުރަންވީ ވަގުތުކަމަށް ޚުތުބާގައި ބަޔާންކުރިއެވެ.

މި މުޢުޖިޒާތާ ގުޅޭގޮތުން ކީރިތި ޤުރުއާނުގެ އަލްއިސްރާ ސޫރަތުގެ ފުރަތަމަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
(سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلاً مِّنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الأَقْصَى الَّذِي بަارَكْنَا حَوْلَهُ لِنُرِيَهُ مِنْ آيَاتِنَا إِنَّهُ هُوَ السَّمِيعُ البَصِيرُ)
މާނައީ: "އެކަލާނގެ އަޅާ (އެބަހީ: މުޙައްމަދުގެފާނު) މަސްޖިދުލްޙަރާމުން، މަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި ގެންދެވި ކަލާނގެ ހުސްޠާހިރުވަންތަކަމެވެ. އެއީ އެތަނުގެ ވަށައިގެން ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. އެއީ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

ޚުތުބާގައި ފާހަގަކުރި ގޮތުގައި، މި ދަތުރުފުޅަކީ އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ރަސޫލާ صައްލަﷲ ޢަލައިހި ވަސައްލަމަ އުފުއްލެވި ބުރަތަކާއި، ތަޙައްމަލުކުރެއްވި ހިތްދަތިކަމާއި، ދެއްކެވި ކެތްތެރިކަމަށް މާތްﷲ ދެއްވި މަތިވެރި އިނާމެކެވެ. މިއިން އެނގިގެންދަނީ ކޮންމެ އުނދަގުލަކަށްފަހު ފަސޭހަކަމެއް ވާކަމާއި، ﷲގެ ހަޟުރަތުން ވާގިހޯދާ މީހަކަށް ދުވަހަކުވެސް ނާއުއްމީދުވާން ނުޖެހޭނެ ކަމެވެ. މި ދަތުރުން ދަސްކޮށްދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ހިތުގެ ތާހިރުކަމާއި، ސަލާމަތްތެރިކަމާއި، އީމާންކަމުން ފުރިގެންވުމުގެ މުހިންމުކަމެވެ.

މި ދަތުރު ހިނގިގޮތަށް ބަލާއިރު، ޖިބުރީލުގެފާނު ވަޑައިގެން ރަސޫލާގެ މޭފުޅު ފަޅާލައްވައި ހިތްޕުޅު ޒަމްޒަމް ފެނުން ދޮންނަވައި، އީމާންކަމާއި ޙިކުމަތުން ފުރުއްވިއެވެ. އެއަށްފަހު ބުރާޤު ކިޔާ ސަވާރީއެއްގައި މައްކާގެ މަސްޖިދުލްޙަރާމުން ފަލަސްތީނުގެ ބައިތުލްމަޤްދިސްއަށް (އިސްރާ) ގެންދެވުނެވެ. އެތަނުގައި ހުރިހާ ނަބީބޭކަލުންގެ އިމާމަކަށް ހުންނަވައި ނަމާދުކުރެއްވުމުން އެކަލޭގެފާނުގެ މަތިވެރި މަޤާމު ހާމަވެގެންދިޔައެވެ. އެއަށްފަހު ހަތް އުޑުމައްޗަށް (މިއުރާޖު) އުފުއްލެވި، ސިދުރަތުލް މުންތަހާއާ ހަމައަށް ވާސިލުވެވަޑައިގެން މާތްﷲގެ މަތިވެރި ކުޅަދުންވަންތަކަމުގެ ނިޝާންތައް ދެކެވަޑައިގަތެވެ.

މި ދަތުރުފުޅުން މި އުންމަތަށް ލިބުނު އެންމެ ބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި މި ހާދިސާގެ ވާހަކަ ދެއްކެވުމުން މައްކާގެ މުޝްރިކުން އެކަލޭގެފާނު ދޮގުކުރި ހިނދު، އަބޫބަކުރުގެފާނު އެކަލޭގެފާނު ތެދުކުރައްވައި ދިފާޢުކުރެއްވުމުން، ހަގީގީ އެކުވެރިންނާއި ރަހުމަތްތެރިން އެނގޭނީ ބޮޑުކަމެއް ދިމާވާ ދުވަހުކަން ވެސް ޢިބުރަތެއްގެ ގޮތުގައި ފާހަގަކުރިއެވެ.

ޚުތުބާ ނިންމާލަމުން ގޮވާލާފައިވަނީ، ދޫ ރައްކާތެރިކޮށް، ﷲގެ މަގުގައި ސާބިތުވެ ތިބުމަށެވެ. އަދި އިންސާނާ ކުރާ ކޮންމެ ހެޔޮ އަމަލަކަށް މާތްﷲ މަތިވެރި ސަވާބާއި ދަރުމަ ދެއްވާނެކަން ޔަގީންކޮށް، ހަރުދަނާ މުސްލިމެއްގެ ގޮތުގައި ދެމިތިބުމަށް އަޒުމް ކަނޑައެޅުމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?