
ދިވެހި ރައްޔިތުން ހަވާލުކުރި އަމާނާތުން ރައީސް މުހައްމަދު މުއިއްޒު ގެންދަވަނީ ވައްކަން ކުރަމުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވެފައިވަނީ، ރައީސް މުއިއްޒާއި ރައްޔިތުން ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ހައްޤުގައި އަމާނާތެއް ކަމަށާ އެހެނަސް ފުރަތަމަ ދުވަހުން ފެށިގެން އެ އަމާނާތައް ރައީސް މުއިއްޒު ވީ ޚިޔާނާތް ކަމަށެވެ.
އެގޮތުން ތިމަންނާގެ އަމިއްލަ އެއްޗަކަށް ވެރިކަން ހަދާ ތިމާގެ ޖާހަތު ބޮޑުކުރުމަށް ރައީސް މުއިއްޒު ކުރި މަސައްކަތް މަލީހު ސިފަކުރައްވާފައިވަނީ ބޮޑު ވައްކަމެއް ގޮތުގައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމީނަށް އޭރު ކޮށްފައި އޮތް ސިޔާސީ ހުކުމާ އަދި އެމަނިކުފާނުގެ ނަމާ ހުސް ގޮނޑީގެ ބޭނުންކޮށްގެން ނަމަވެސް އެމަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގެން ރައީސް ޔާމީން އެކަހެރިކޮށް ވެރިކަން ހިތުހުރި ގޮތަކަށް ކުރައްވަން ފައްޓަވާފައެވެ. ނަމަވެސް ގިނަ ބަޔަކު ރައީސް މުއިއްޒަށް ވޯޓު ދިނީ ރައީސް ޔާމީންގެ ހައްގުގައި ކަމަށް އެ ރައްޔިތުން މިހާރުވެސް ބުނަމުންދެއެވެ.










