June 24, 2026
Advertisement
ސަރުކާރުން މުޅި ގައުމު ދަވާ ހުސްކޮށްލައިފި: މަލީހު
ސަރުކާރުން މުޅި ގައުމު ދަވާ ހުސްކޮށްލައިފި: މަލީހު / ތޭރަ އޮންލައިން

ސަރުކާރުން މުޅި ގައުމު ދަވާ ހުސްކޮށްލައިފި: މަލީހު

Jun 24, 2026, 02:41 PM

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މުޅި ގައުމު ދަވާ ހުސްކޮށްލައިފި ކަމަށް، ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން މައްޗަށް ގޮސް ގައުމުގެ ފަގިރުކަން އިތުރުވެދާނެކަމުގެ ވޯލްޑް ބޭންކުން ދިނުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަލީހު ވިދާޅުވީ،  މުޅި ޤައުމު ދަވާ ހުސްކޮށްލާފައިވާ ކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންނަށް ދަރާ ވިކިފައި ކަމަށެވެ. ހަމައެއާއެކު ވެމްކޯ، އެމްޕީއެލް، ފެނަކަ އަދި ސްޓެލްކޯ ފަދަ ސަރުކާރުގެ ކުންފުނިތަކުން ދޭންޖެހޭ ލާރި ނުދީ ހިފަހައްޓަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުގެ މަޝްރޫޢުތައް ހިންގާ ކޮންޓެކްޓަރުންނަށް ސަރުކާރުން ދޭންވާ ފައިސާ ނުދީވާތީ، އެ ކޮންޓްރެކްޓަރުންނަށް މިހާރު ގޮތް ހުސްވެ ވިޔަފާރިތައް އަޑި އަޅާލާފައިވާކަން ވެސް މަލީހުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު،  ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ދަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތާ މެދު އިންޒާރުތައް ދެމުންނެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލުމާއި، ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އިންފްލޭޝަން މަތިވެ، ފަގީރުކަން އިތުރުވެދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުގެ އަންދާޒާތަކުން ދައްކަނީ، 2026 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓް 6 އިންސައްތައަށް އުފުލޭނެ ކަމަށެވެ. އަދި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް އޮތް ޑިމާންޑް އިތުރުވުމުގެ ސަބަބުން، 2028 ވަނަ އަހަރާ ހަމައަށް ވެސް އިންފްލޭޝަން 4 އިންސައްތައަށް ވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެވޭ ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓްގައި ވެއެވެ. މި ހާލަތުގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރު 7.7 އިންސައްތައިގައި ހުރި ފަގީރުކަމުގެ ނިސްބަތް، 2026 ވަނަ އަހަރު 7.9 އިންސައްތައަށް މަތިވާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

މި ބަދަލުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އާބާދީގެ 48.9 އިންސައްތަ މީހުންނަކީ ފަގީރުކަމުގެ ރޮނގު މަތީގައި ތިބި މީހުން ކަމަށްވުމުން، އިގްތިސާދަށް އަންނަ ކުޑަ ލޮޅުމަކުން ވެސް އެ ފަރާތްތައް ފަގީރުކަމުގެ ތެރެއަށް ވެއްޓުމުގެ ނުރައްކާ ބޮޑު ކަމަށް އެ ބޭންކުން ލަފާ ކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved