February 27, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެމެރިކާ ސިފައިން ވެނެޒުއޭލާގައި ކަންކުރީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފަށް: އދ

Yana Shareef
ޔާނާ ޝަރީފް
Jan 4, 2026, 05:58 AM

އެމެރިކާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކާއި އެ ކަންކުރުމުގައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތުމުން ކަންބޮޑުވާ ކަމަށް އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

Advertisement

އިއްޔެގެ ފަތިހުގެ ވަގުތެއްގައި އެމެރިކާއިން ވެނެޒުއޭލާއަށް ދޭން ފެށި ހަމަލާތަކަކީ މަދޫރޯގެ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފެށި ހަރަކާތްތަކުގެ ތެރެއިން ދިން ހަމަލާތަކެކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މީސްމީޑިއާ ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި ބުނީ، އެމެރިކާގެ އަސްކަރިއްޔާއިން ވެނެޒުއޭލާއަށް ދިން ވަރުގަދަ ހަމަލާތަކެއްގައި މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން އަތުލައިގަނެވި، ގައުމުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ވެސް ބައިވެރިވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ޓްރަމްޕު ވިދާޅުވި ގޮތުގައި މަދޫރޯ އަތުލައިގަނެގެން ގެންދިއައީ "ވަރުގަދަ ކިއްލާއެއްގައި އޮއްވަ" އެވެ. އަދި އޭނާ އަތުލައިގަތުމަށް ހިންގި އޮޕަރޭޝަން ވަގުތުން ބަލަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރެސްގެ ތަރުޖަމާނު ވިދާޅުވީ ވެނެޒުއޭލާ އާއި އެމެރިކާއިން ވާހަކަ ދައްކައިގެން މަސްރަހު ހަމަޔަކަށް އަޅުވަން މަސައްކަތްކުރުން މުހިންމު ކަމަށެވެ. އދގެ އިތުރުން ފްރާންސާއި ޗައިނާ އާއި އެކި ގައުމުތަކުން ވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށް ވާހަކަ ދައްކައިފަ އެވެ. ހަމަލާތަކާ ގުޅިގެން އެމެރިކާގެ އަމަލު ކުށްވެރިނުކޮށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިން ޕޮލިސީ ޗީފް ކާޖާ ކަލާސް ވިދާޅުވި ގޮތުގައި އެ ބްލޮކުން އަންނަނީ ވެނެޒުއެލާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ގާނޫނީ ތަޖުރިބާކާރުންނާއި އެކި ގައުމުތަކުން ދަނީ މަދޫރޯ ގެންދިޔަ މައްސަލަ ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތަކެއް ކަމަށް ބުނަމުންނެވެ. ޓްރަމްޕް ތުހުމަތުކުރައްވާ ގޮތުގައި މަދޫރޯ ދަނީ މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިކޮށް އިސްކޮށް އެކަމުގެ ތެރޭގައި އުޅުއްވަމުންނެވެ. ނަމަވެސް މަދޫރޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އެކަން ދޮގުކުރައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved