އެ ބޭފުޅާެއަކީ ޖުވާކުޅޭ މީހެއް ނޫންކަމަށާއި، ޖުވާ ކުޅެން ހިތްވަރު ދޭނެވެސް މީހެއް ނޫންކަމަށް މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުالله މުހައްމަދު (މަދަނީ އަބްދުالله) ވިދާޅުވެއްޖެއެވެ.
ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހަދަން ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖުވާކުޅޭ މީހުންނަށް ދޭ އަދަބު ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެން ޒިޔާދު (ފިއްޓޭ) ވަނީ މާލިއްޔަތު ކޮމިޓީން ބެލި މޯލްޑިވްސް ގޭސްގެ މައްސަލައިގައި އެ ކުންފުނީގެ އެމްޑީ ކުންފުނީގެ ފައިސާއިން "ކިރާބެޓް" އަށް އަޅާލައިގެން ޖުވާ ކުޅުނުކަމަށް ތުހުމަތުކޮށްފައެވެ. މީގެއިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ.އަހުމަދު ޝަމްހީދު ވެސް ވަނީ މި ވާހަކަ ދައްކަވާފައެވެ.
މިކަމާ ގުޅިގެން ޗެނަލް 13 އަށް ދެއްވި އިންޓަވިއުއެއްގައި މަދަނީ އަބްދުالله ވިދާޅުވީ ފިއްޓެއަށް ހުރެވުނު ޢިއްޒަތްތެރި މަޖިލީހަށްވުރެ އެތައްހާސް ގުނައެއް "ޢިއްޒަތްތެރި" އަދި ޙުރުމަތްތެރި މަޖިލީހެއްގައި މާތްاللهގެ ރަޙުމަތްފުޅުން ހުންނެވިކަމަށެވެ.
ހަޔާތުގައި ދުވަހަކުވެސް ޖުވާކުޅުނުނަމަ ކުޅުވިކަމަށް ލަފާކުރެވެނީ ވައިކަރަދޫ ދާއިރާގެ މެންމަރު "ފިޓުނޫން" ފިއްޓޭއާއި ޑރ ޝަމްހީދާއި ދެ މީހުންނަަށްކަަމަށް މަދަނީ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަކީ އަނެކާގެ އަބުރު ކަތިލަން ލިބިފައިއޮތް ފުރުސަތެއްނޫންކަމަށާއި މިވެނި މީހެއްގެ އަބުރުކަތިލީ ތިމަންނައަކީ ވައިކަރަދޫ ދާއިރާގެ މެންބަރޭ ބުނެ މަޙުޝަރުގެ މައިދާނުގައި ރެކިގަނެވޭނެކަމަށް ހީވަނީތޯ އައްސަވާ އެމްޑީ އަބްދުالله ވަނީ ފާޑުވިދާޅުވެފައެވެ.
އެ ބޭފުޅާއަކީ ދުވަހަކުވެސް އޮންލައިންކޮށް އަދި އޮފްލައިންކޮށްވެސް ޖުވާކުޅުނު އަދި ޖުވާކުޅެން ހިތްވަރުދީ އަދި ޖުވާކުޅޭތަނެއްގައި ހުރި އަދި ހުންނާނެ މީހެއްވެސްނޫންކަމަށް އަބްދުالله ވިދާޅުވިއެވެ.
ކުންފުނީގެ ފައިސާގެ އެންމެހާ ކަންކަން ބަލަހައްޓާ އެންމެ އިސް ވެރިޔަކީ ސީއެފްއޯކަމަށާއި ސީއެފްއޯއަކީ ފިއްޓޭގެ ކިހާ ގާތް ބޭފުޅެއްތޯ ވެސް އެމްޑީ ވަނީ އައްސަވާފައެވެ. ފިއްޓޭކިޔުމަކީ އަދި ކޮންމެ ކޮންމެ ކަމަކަށް ފިޓުވުމެއްނޫންކަން މިއަދުންފެށިގެން ހަނދާން ބެހެއްޓުމަށް ވެސް އެމްޑީ ނަސޭހަތްތެރިވިއެވެ.
މޯލްޑިވް ގޭހުގެ އެއްވެސް މުއާމަލާތެއް އުސޫލުން ބޭރުން ނުކުރާކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ الله سبحانه وتعالىއަށްކަމަށާއި ޝަމްހީދަކީ މިއަދާހަމައަށް އަޅުގަނޑު ވަރަށް އިހުތިރާމުކުރި ފަރާތެއްކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ. އެހެނަސް ޝަމްހީދު ޕީއެޗްޑީ ނެންގެވީ ބުހުތާނުން މީހުންގެ އަބުރުކަތިލުމުގެ ދާއިރާއިންތޯ އަބްދުالله ސުވާލު އުފެއްދެވިއެވެ.