މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ރިޝްވަތު ހިފުމުގެ ފަސް ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ދައުލަތުން، މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ޖުމްލަ ހަތް ދައުވާއެެއް ކޮށްފައިވެއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ 12 އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުންވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 29 ވަނަ ދުވަހު ހުކުމްކޮށްފައެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް މާނުގެ ފަރާތުން ވަނީ ހައިކޯޓުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ. އެ މައްސަލަ އަދިވެސް އޮތީ "ހުށަހެޅިފައި" މަރުހަލާގައެވެ. ކުރިމިނަލް ކޯޓުގައި މިއަދުވަނީ މާނުގެ މައްޗަށް ދެންކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް ތާވަލުކޮށްފައެވެ. މިއަދު އޮތީ ހުކުމް ކުރުމެވެ.
މިކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މާނުގެ މައްޗަށް ރިޝްވަތުގެ ފަސް ދައުވާ ސާބިތުނުވާކަމަށް ކަމަށެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ އެ ހުކުމާ ގުޅިގެން އެންމެ ފަހުގެ ނިންމުމެއް ނިންމެން އޮތީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބިގެން ކަމަށްވާތީ، އެ ރިޕޯޓު ލިބުމުން އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާކޮށްފައިވަނީ ގޭހުގެ އެމްޑީގެ މަގާމުގައި ހުންނެވި އިރު، އެ ކުންފުންޏަށް ބޭނުންވާ ކައްކާ ގޭސް (އެލްޕީޖީ) ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3,106,189.38 (3.1 މިލިއަން) ރުފިޔާ ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައެވެ.
އެ މައްސަލައިގައި މާނުގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ. އަދި އެ މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށްވެސް ނިންމައިފައިވެއެވެ.