މޯލްޑިވް ގޭސްއިން ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާތަކެއް ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގުމަށް ހުށަހަޅައިފިއެވެ.
މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ، މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު،ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ މެދުވެރިކޮށް މި މައްސަލަ ތަހުގީގުކުރުމަށް ދަންނަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުاللهއަށް ފޮނުވި ސިޓީއެއްގައެވެ.
ޝާކިރުގެ ސިޓީގައި ވަނީ، މޯލްޑިވް ގޭސްއިން އެޑްވާންސްގެ ގޮތުގައި ދެއްކި ފައިސާ ގެއްލުމަކީ ސަރުކާރު ކުންފުންޏެއް މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމަށާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުالله މުޙައްމަދު، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދަށާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދަށް ބިރުދެއްކުން ދޭހަވާ ފަދަ ގޮތަކަށް ޕޯސްޓެއް ކުރައްވާފައިވާ ކަމަށް ވެސް، ޝާކިރުގެ ސިޓީގައި ތުހުމަތުކުރައްވާފައިވެއެވެ.
އެހެންކަމުން ސަރުކާރު ކުންފުނި މޯލްޑިވް ގޭސްއިން އޮކްޓޯބަރު 2024ގައި އޯޑަރުކުރި އަށްލައްކަ ޑޮލަރުގެ ގޭސް ޝިޕްމަންޓްގެ ތެރެއިން އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 އެއްހާ ޑޮލަރު ގެއްލުނު މައްސަލައިގެ ފުރިހަމަ ތަހުގީގެއް މަޖިލީހުން ހިންގައި ދިނުމަށް ޝަކިރު ވަނީ އެދިވަޑައިގެންފައެވެ.
ގޭސް ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ގެއްލިފައިވާކަން ހާމަކުރީ މިދިޔަ އޭޕްރިލް މަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ނާޒިމެވެ.
ނާޒިމް އޭރު ބުނެފައިވަނީ، އެއީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް އޮކްޓޯބަރު 2024ގައި ދެއްކި ފައިސާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަން އޭނާ ހާމަ ނުކުރައްވައެވެ. ވީނުވީއެއް ނޭނގި އެ ފައިސާ ގެއްލިފައިވާއިރު، ގޭސް ރާއްޖެއަށް އައިސްފައި ނެތްކަން ނާޒިމް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް އެ ފައިސާ ހޯދުމުގައި އެއްވެސް ކާމިޔާބެއް ލިބިފައި ނެތްކަމަށް ނާޒިމް ބުނެފައިވެއެވެ.