ސަރުކާރުގެ ގޭސް ކުންފުނިން ގޭސް ހުސްވުމުން "ބައިފުޅި ސަރުކާރު" އިސްތިއުފާ ދިނުމަށް ގޮވަން ފަށައިފިއެވެ.
ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯ އިން އެތެރެކުރާ ގޭސް ހުސްވެފައިވާ ކަަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ޗެނަލް 13 އަށް ޔަގީންކޮށްދީފައެވެ.
ޗެނަލް 13 އަށް މައުލޫމާތު ލިބުނު ގޮތުގައި މޯލްޑިވް ގޭސް އިން މި ވަގުތު ޚިދުމަތް ފޯރުކޮށްދެމުން ދަނީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ކުންފުނި ވިލާއިން ގޭސް ގަނެގެން ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެ ކަމުގެ ޔަގީންކަން ނެތެވެ.
އަދި ފެބްރުއަރީ މަހުގެ 15 ގައި އައު ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެކަން ވެސް ކަށަވަރު ކުރެވިފައިނުވާކަން ފާހަގަކޮށްލެވެއެވެ.
މިހާރު އެސް.ޓީ.އޯ އިން ނިންމާފައިވަނީ ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏަށް ގޭސް ސަޕްލައިކޮށްދޭ ބޭރުގެ ކުންފުނިން ގޭސް ގަތުމަށެވެ. މިބަދަލާއެކު، ކޮންމެ 90 ދުވަހު ތެރޭ ގާތްގަނޑަކަށް 15 ދުވަހުގެ ސަޕްލައި މަދުވާނެ ކަމަށް ބެލެވެއެވެ.
މިއީ އާންމު ހާލަތަށް ބަލާއިރު ކޮންމެ ތިން މަހަކުން ދެ ހަފުތާއެއްހާ ދުވަހު ރާއްޖެއިން ގޭސް ހުސްވުން ނުވަތަ ލިބުން ދަތިވުމެވެ. މިގޮތަށް ދިމާވާ ޝޯޓޭޖް ފޫބެއްދުމަށްޓަކައި އެސް.ޓީ.އޯ އިން ވިލާ ގޭސް އަތުން ގޭސް ގަންނަން ޖެހޭއިރު، އެ ގޭސް ގަންނަން ޖެހެނީ އާދަޔާ ހިލާފަށް ބޮޑު އަގުގައެވެ.
މީގެ އިތުރުން، މި މުއާމަލާތަށް ފައިސާ ދައްކަން ޖެހެނީ ޑޮލަރުން ކަމަށްވާތީ، މިއީ ގައުމުގެ ބޭރު ފައިސާގެ ރިޒާވަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އެހެންކަމުން، މި އުސޫލު މިހާރު އޮތް ގޮތަށް ކުރިއަށްދާނަމަ، ކޮންމެ 15 ދުވަހަކުން ދިވެހި ރައްޔިތުން ގޭހަށް ޖެހޭނެއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވަމުންނެވެ.
ޖެނުއަރީ 21 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް، ގާސިމް އިބްރާހީމްގެ ކުންފުނިން ސަރުކާރުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގޭސް ގަނެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މިހާރުގެ އުސޫލުތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.
މިގޮތަށް ބޭރުގެ ކުންފުނިތައް މެދުވެރިކޮށް ވިލާ ކުންފުނިން ގޭސް ގަތުމަށް އެސް.ޓީ.އޯ އިން ނިންމާފައިވާ ނިންމުމުގެ ސަބަބުން، ކޮންމެ 90 ދުވަހަކުން 15 ދުވަހު ގޭސް ސަޕްލައި މެދުކެނޑުމުގެ ބިރު އޮތްއިރު، އެ މުއްދަތުގައި ވިލާ ގޭސް އަތުން ބޮޑު އަގުގައި ޑޮލަރުން ފައިސާ ދައްކައިގެން ގޭސް ގަންނަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ.