theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ރަޝިއާއިން އެމެރިކާގެ އަސްކަރީ މަނަވަރަށް ހަމަލާދޭނެ ކަމަށް ބުނެފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
09 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ރަޝިއާގެ ސަރަހައްދުތަކަށް އަރައިގަންނަ ނަމަ، އެ މަނަވަރުތަކަށް ހަމަލާދޭން ފަސްނުޖެހޭނެ ކަމަށް ބުނެ ރަޝިއާއިން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގައި އެމެރިކާގެ ހަރަކާތްތައް އިތުރުވަމުންދާ ދިއުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ރަޝިއާގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލެއް ހިންގައިފި ނަމަ، އެކަމަށް އަސްކަރީ ގޮތުން ވަގުތުން ރައްދު ދޭނެ ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.


މި ދަނޑިވަޅަކީ ޔޫކްރެއިން މައްސަލައާއި ގުޅިގެން ހުޅަނގުގެ ގައުމުތަކާއި ރަޝިއާއާ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެފައިވާ ވަގުތެކެވެ. ކަޅު ކަނޑާއި ބޯލްޓިކް ކަނޑުގެ ސަރަހައްދުގައި ނޭޓޯގެ ފައުޖުތަކުން ހަރަކާތްތެރިވަމުންދާތީ، ރަޝިއާއިން ދެކެނީ އެއީ އެ ގައުމަށް ދެވޭ ސީދާ ގޮންޖެހުމެއްގެ ގޮތުގައެވެ.


މީގެ އިތުރުން، ވެނެޒުއޭލާގެ ސިޔާސީ މަސްރަހާ ގުޅިގެން ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އެމެރިކާއިން ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރަމުންދާއިރު، ރަޝިއާއިން ދަނީ އެ ގައުމުގެ މިހާރުގެ ސަރުކާރަށް އަސްކަރީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވެނެޒުއޭލާގެ ސަރަހައްދީ ރަށްތަކުގެ ކައިރީގައި އެމެރިކާގެ މަނަވަރުތައް ހަރަކާތްތެރިވުމަކީ، ރަޝިއާއިން އެމެރިކާއަށް އިންޒާރު ދިނުމަށް ދިމާވި މައިގަނޑު އެއް ސަބަބު ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިއާއިއެކު، އެޓްލާންޓިކް ކަނޑުގެ ސަރަހައްދުގައި އޮތް ތެޔޮ ޓޭންކަރަށް ހިމާޔަތް ދިނުމަށް ރަޝިއާގެ ކޯސްޓްގާޑް ސަބްމެރިންއަކާއި އެހެނިހެން އުޅަނދު ފޮނުވާފައި ވަނިކޮށް، އެ ތެޔޮ ޓޭންކަރު އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް މިއަދު ވަނީ ގެނެސްފައެވެ.

ދުނިޔޭގެ ބޮޑު ދެ ބާރުގެ ދެމެދުގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ސަލާމަތީ މަސްރަހަށް ބޮޑެތި ލޮޅުންތަކެއް އަރާފާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved