March 19, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މައްސަލަ ލަސްކުރެވިދާނެ، ނަމަވެސް ގާނޫނީ ފަރުވާ ލިބިގެން އަޅުގަޑު މިނިވަންވާނެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2024, 03:24 AM
މާލެ ސިޓީ

އަނިޔާ ދިނުމުގެ ނިޔަތުގައި އިސްތިއުނާފުގެ މައްސަލަ ކިތަންމެ ވަރަކަށްވެސް ލަސް ކުރެވިދާނެ ކަމަށާ ނަމަވެސް ގާނޫނުގެ ތެރެއިން އެކަމަށް ލިބެންވާ ފަރުވާ އެކު އެމަނިކުފާނު ﷲ ގެ އިރާދަފުޅުން މިނިވަންވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބްގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ބާއްވަމުން އަންނަ ޖަލްސާތަކުގެެ ތެރެއިން އާދިއްތަ ދުވަހުގެ ޖަލްސާގައި ކެންޑިޑޭޓަކާ ސުވާލު އަމާޒުކުރައްވަމުންނެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނު މިނިވަންނުކުރުމުން ރައްޔިތުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުމާ ނުރުހުމާ ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒު އެމަނިކުފާނު މިނިވަންކުރައްވަފާނެކަމުގެ އެއްވެސް އިންތިޒާރެއް އެމަނިކުފާނު ނުކުރައްވާ ކަމަށާ އަދި ރައްޔިތުންވެސް ދެން އެ ވާހަކަތައް ނުދެއްކެވުން އެދިވަޑައި ގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިނިވަން ކުރައްވާނެ ނަމަ ކުރައްވާނެހާ ދުވަސް ފަހަނަ އަޅާ ގޮސްފި ކަމަށާ އެހެންކަމުން ދެން އިތުރަށް އެކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ.

ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތާ އެކު ﷲގެ އިރާދަފުޅުން އެމަނިކުފާނު މިނިވަންވެވަޑައިގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަޅުގަޑު ސަލާމަތްވާނީ އަޅުގަޑު މައުސޫމުވީމަ. އަދި އަޅުގަޑުގެ ގާނޫނީ ވަކީލުން އެ ދެއްވާ ޖަވާބުތަކުންވެސްމެ. މައްސަލަ ލަސް ކުރަމުން ކުރަމުން ގެންދެވިދާނެ. ނަމަވެސް ގާނޫނީ ފަރުވާ ލިބިގެން އަޅުގަޑު މިނިވަން ވާނެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ އިހްސާންތެރިކަމުން އަޅުގަޑު މިނިވަންވާނެ ކަމަށް އުއްމީދު ނުކުރައްވާ.

ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ނުކުރުމުން އެއްވެސް ޝަކުވާއެެއް ނެތްކަމަށާއި އެންމެ ކަންބޮޑުވަނީ ރައްޔިތުން ކުދި ކުދި ކަންކަމުން މަހުރޫމު ކުރަމުން ގެންދަވާތީ ކަމަށެވެ.

އޭގެއިތުރުންވެސް އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު އެމަނިކުފާނަށް ލުއިތަކެއް ދޭން ޖެހިލުންވެވަޑައިގެންނަވަނީ އެމަނިކުފާނު ޓީވީ އިންޓަވިޔުއެއް ދެއްވާ އެމަނިކުފާނު ޕީޕީއެމް ދޫކުރައްވާ އައު ސިޔާސީ ޕާޓީ އުފައްދަން ޖެހުނު ސަބަބު ރައްޔިތުންނާ ހަމަޔަށް ހާމަކުރައްވަފާނެތީކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved