ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ގައުމީ ކެންޑިޑޭޓް އިސްމާއީލް ޒަރިޔަންދު، މާލޭގެ ރައްޔިތުންނަށް އުންމީދީ މެސެޖެއް ދެއްވައިފިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް އެންޑޯޒް ކުރައްވާފައިވާ ޒަރިޔަންދު ވިދާޅުވީ، އޭނާގެ މޭޔަރުކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބާރުވެރިކަމަށް ކަމަށެވެ.
ޒަރިޔަންދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތްﷲގެ ވާގިފުޅާއެކު އޭނާގެ މޭޔަރުކަމެއްގައި، ބޯހިޔާވަހިކަމާއި، ޒުވާނުންގެ ކަންކަމާއި، އަންހެނުން ބާރުވެރިކުރުވުމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތެރިކަމަށް ވަކާލާތު ކުރައްވާނެ ކަމަށެވެ. އަދި މުނިސިޕަލް ކަންކަމަށް ގޮތްކިޔައި، ނުފޫޒު ފޯރުވޭނޭ އެންމެ ބޮޑު "ސިޔާސީ ޕާޓީ" އަކީ "މާލޭގައި ދިރިއުޅޭ ރައްޔިތުން" ކަމަށް ހައްދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސިޓީގެ މިހާރުގެ ހާލަތަށް ބަލާއިރު، ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މި ދަނޑިވަޅުގައި ޒަރިޔަންދު ފަދަ ތަޖުރިބާކާރު އަދި ރައްޔިތުންގެ އިހުސާސްތައް ދަންނަ ބޭފުޅަކު މާލޭގެ މޭޔަރުކަމަށް އައުމަކީ، މާލޭގެ މުނިސިޕަލް ޚިދުމަތްތައް ހަރުދަނާވެ، ރައްޔިތުންގެ އަޑު ގަދަވެގެންދާނެ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މާތްﷲ ސ ވ ގެ ވާގިފުޅާއިއެކު އަޅުގަނޑުގެ މޭޔަރުކަމެއްގައި؛
— Ismail Zariyand (@zariyand) January 17, 2026
ބޯހިޔާވަހިކަމާއި، ޒުވާނުންގެ ކަންކަމާއި، އަންހެނުންބާރުވެރިވުމާއި، އިޖްތިމާއީ ރައްކާތެރިކަމުގެ އެހީތެރިކަމާއި، މުނިސިޕަލް ކަންކަމަށް ގޮތްކިޔާ ވަކާލާތުކޮށް ނުފޫޒުފޯރުވޭނޭ "ސިޔާސީޕާޓީ" އަކީ "މާލޭގައި ދިރިއުޅޭ ރައްޔިތުން"
ޚާއްޞަކޮށް، މާލޭގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށާއި، ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުޅާކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، ޒަރިޔަންދުގެ މި ތަޞައްވުރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު އިންތިޚާބަށް ނުކުމެވަޑައިގަންނަވާ ޒަރިޔަންދަކީ، މާލޭގެ މައްސަލަތަކަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ރައްޔިތުންނަށް ފައިދާހުރި ހައްލުތަކެއް ހޯއްދަވައިދެއްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާގެ ސަޕޯޓަރުން ސިފަކުރެއެވެ.