March 14, 2026
Advertisement
-
- / ތޭރަ އޮންލައިން

ކޮންމެ އިންތިޚާބަކާއި ދިމާކޮށް ސަރުކާރުން ކިޔަނީ އެއް ލަވައެއް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 20, 2026, 04:37 AM
މާލެ ސިޓީ

ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އިއްވަމުންދަނީ އެއް މިއުޒިކެއްގެ އެއް ރާގުތަކެކެވެ. ރައްޔިތުންގެ ލޮލުގައި އަނދުުން އެޅުވުމަށްޓަކައި ދައުލަތުގެ ބަޖެޓަކީ ސަރުކާރު ހިންގާ ޕާޓީގެ "ކެމްޕޭން ފަންޑު" ކަމަށް ހަދައި، ބޭނުންހާ ގޮތަކަށް ފައިސާ އާއި ވަސީލަތްތައް ބޭނުންކުރުމުގެ ސަގާފަތް މިވަނީ އިންތިހާއަށް ގޮސްފައެވެ.

Advertisement

ނިމިދިޔަ ރިޔާސީ އިންތިޚާބާއި، އޭގެ ފަހުން އައި މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުޢިއްޒުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން، މިއަދު ދައުލަތުގެ ބަޖެޓު މިވަނީ ބޮޑުތަނުން ޑެފިސިޓްވެ، ގައުމުގެ އިގްތިސާދު އިނދަޖެހޭ ހިސާބަށް ގޮސްފައެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރަކީ ވަޒީފާ ބެހުމެވެ. އެއްވެސް އުސޫލެއް ނެތް ގޮތަށް ސަރުކާރުގެ ކުންފުނިތަކަށް މީހުން ވައްދައި، ވޯޓު ކަށަވަރު ކުރުމަކީ މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ހިންގި ބޮޑު ޖަރީމާއެކެވެ. މީގެ އިތުރުން، ދައުލަތުގެ ބޮޑެތި ޕްރޮޖެކްޓްތައް ބީލަމަކާ ނުލައި ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިންނަށާއި ގާތް މީހުންނަށް ބެހުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފައެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އިންތިޚާބީ ހަތިޔާރަކަށް ހަދާފައިވާ ކަމެކެވެ. ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައިވެސް ސިޔާސީ ނުފޫޒު ފޯރުވައި، ވަކި ބަޔަކަށް މަންފާވާނެހެން ކަންކަން ބަދަލުކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތަކުން (ވޯލްޑް ބޭންކް އަދި އައި.އެމް.އެފް) ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށް، އިންތިޚާބުތަކަށްޓަކައި ދައުލަތުގެ ޚަޒާނާއިން ހިންގާ އިސްރާފުތަކުގެ ނަތީޖާއަކީ މިއަދު ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުވެސް ސަރުކާރު ހިންގާ ޕާޓީއަށް ދިނުމުން ރައްޔިތުން އުއްމީދުކުރީ ފުދުންތެރި ދިރިއުޅުމަކަށެވެ. ނަމަވެސް މިއަދު ފެންނަނީ ރައްޔިތުން ހައްތަހާ ނިކަމެތިވެ، ސަރުކާރުގެ އިސްވެރިންގެ ޖީބުތައް ބޮޑުވަމުންދާ މަންޒަރެވެ.

ދުނިޔޭގެ ތާރީޚަށް ބަލާއިރު، ސްރީލަންކާ ފަދަ ގައުމުތަކަށް ޖެހުނު ހާލަކީވެސް އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުން ރުއްސުމަށްޓަކައި ދައުލަތުގެ އާމްދަނީއަށް ނުބަލައި ހިންގި ސިޔާސީ ޕްރޮޖެކްޓްތަކުގެ ނަތީޖާއެވެ. މިއަދު ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އެފަދަ ނުރައްކާތެރި ފުން ވަޅެއްގެ ތުންފަތްމަތީގައެވެ.

ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ސަރުކާރުން މިހާރު ފަށާފައިވާ "ޕްރޮޖެކްޓްތަކުގެ އޮހޭ ކަނޑަކީ" ހަގީގަތުގައި ރައްޔިތުންގެ ލޮލުގައި އަޅުވާ ކަނދުލެކެވެ. މިއީ ހަމައެކަނި ވޯޓު ހޯދުމަށް ކުރާ ކަމެއްކަން ސާފުވަނީ، އިންތިޚާބު ނިމުމާއެކު މިފަދަ ގިނަ މަޝްރޫއުތައް ހުއްޓި، ބަޖެޓު ނެތްކަމުގެ އުޒުރު ދައްކަން ފަށާތީއެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ ބޭކާރު ޚަރަދުތަކުގެ ބުރަ އުފުލަން ޖެހެނީ އާންމު ރައްޔިތުންނެވެ.

ސަރުކާރުން "އެއް ލަވައެއް" ކިޔަމުން، އިންތިޚާބީ ރިޝްވަތުގެ އުކުޅުތައް ބޭނުންކޮށްގެން ބާރުތައް މުށުތެރެއަށްލާ އިރު، ގައުމުގެ މިނިވަންކަމާއި އިގްތިސާދީ ސިޔާދަތު މިއަދު ވަނީ ސުވާލު މާކެއްގެ ތެރޭގައެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަހާ ވަޒީފާތަކާއި، ދޭ ފައިސާގެ އެހީއަކީ ވަގުތީ އުފަލެއް ކަމުގައި ވިޔަސް، ދާއިމީކޮށް މިކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަންޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނެވެ. ސަރުކާރުގެ މި އަމަލުތަކުގެ ސަބަބުން ގައުމު މިދަނީ ނުރައްކާތެރި ބަނގުރޫޓުވުމަކާ ދިމާއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved