އޭނާއަށް ވަކިން މެސެޖުކޮށްގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށް އެކުގައި މަސައްކަތްކުރެވޭނެ ކަމަށް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނުކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެންޑޯޒްމަންޓާ އެކު ނުކުންނަ ގައުމީ ކެންޑިޑޭޓު މިފަދަ މުހިއްމު ވާހަކައެއް ހިއްސާކުރެއްވީ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޒަރިޔަންދު ވިދާޅުވެފައިވަނީ، ކައުންސިލެއްގެ މުދަލާ އެންމެހާ ފައިސާގެ ކަންކަން ހިންގަން ޖެހޭނީ މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމާ ދަރަންޏަށް ޒިންމާވާ ގޮތަށް އަމަލުކުރެވޭ ކޮންޓްރެކްޓްތަކަކީ ރައްޔިތުންނަށް ހާމަކުރަން ޖެހޭ މައުލޫމާތެއްކަން ގާނޫނުން އެނގެން އޮންނަ ކަމަށެވެ.
އެގޮތުން މިހާ ތަނަށް ހެކި ލިބިފައިވާ މައުލޫމާތުތަކުން އާދަޔާ ޚިލާފު ނުރައްކަލުގައި މާލެ ސިޓީ ކައުންސިލްގެ މާލީ ކަންކަން އޮތް ކަމަށް ފެންނާތީ އެކައުންސިލްގައި ވޭތުވެދިޔަ އަހަރުތަކުގައި ހިނގާފައިވާ މިފަދަ އެއްވެސް ކަމެއްގެ މައުލޫމާތު ދެއްވަން ބޭނުންފުޅުވާ ބޭފުޅުން އެ މައުލޫމާތު އޭނާއާ ހިއްސާކޮށްދިނުމަކީ އިންތިހާއަށް އެދޭ ކަމެއް ކަމަށް ވެސް ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާއިރު، އޭނާ އަކީ ނަޒާހަތްތެރި، ކޮރަޕްޝަނަށް ނުހެއްލޭނެ، ވައްކަން ބަލަން ކެރޭނެ މޭޔަރަކަށް ވާނެ ކަމަށް ވިދާޅުވެ ޕީއެންއެފްގެ ރައީސް ވަނީ ޒަރިޔަންދު އެންޑޯޒްކުރައްވާފައެވެ.