March 9, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އިންޑިއާގައި މުސްލިމަކު އަމިއްލަ ފައިސާއިން ބިނާކުރި ސްކޫލެއް މޯދީ ސަރުކާރުން ތަޅާލައިފި

Yana Shareef
ޔާނާ ޝަރީފް
Jan 22, 2026, 10:16 AM

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބެތުލް ޑިސްޓްރިކްޓްގައި ހުއްދަ ނެތް މަދަރުސާއެއް ހިންގާ ކަމަށް ބުނެ ފެތުރި ދޮގު މައުލޫމާތުތަކަކާ ގުޅިގެން، އަމިއްލަ ފަރާތަކުން ބިނާކުރި ސްކޫލެއްގެ ބައެއް މޯދީ ސަރުކާރުގެ އޮފިޝަލުން ތަޅާލައިފިއެވެ.

Advertisement

މި ސްކޫލަކީ އެ އަވަށުގެ ރަށެއް ކަމަށްވާ "ދާބާ" ގައި ދިރިއުޅޭ އަބްދުލް ނައީމް، އޭނާގެ އަމިއްލަ ފައިސާ އާއި ދަރަންޏަށް ނެގި ގާތްގަނޑަކަށް 20 ލައްކަ ރުޕީސް ހޭދަކޮށްގެން ބިނާކުރަން ފެށި ތަނެކެވެ.

ނައީމްގެ މަޤްޞަދަކީ އެ ސަރަހައްދުގެ ޢަދިވާސީ (ޓްރައިބަލް) ކުދިންނަށް ނާސަރީން ފެށިގެން ގްރޭޑް 8 އާ ހަމައަށް ތަޢުލީމު ފޯރުކޮށްދިނުމެވެ. އެ ސަރަހައްދުގެ ކުދިން މިހާރު ތަޢުލީމު ހާސިލްކުރުމަށްޓަކައި އެތައް މޭލެއް ދުރަށް ދަތުރުކުރަން ޖެހެއެވެ.

ސްކޫލްގެ މަސައްކަތް ނިމެން ކައިރިވެފައި ވަނިކޮށް، އެތަނަކީ ހުއްދަ ނެތް މަދަރުސާއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި އަވަށު ތެރޭގައި ދޮގު އަޑުތަކެއް ފެތުރުނެވެ.

މި އަޑުތަކާ ގުޅިގެން، އެ ސަރަހައްދުގެ އިދާރާތަކުން ޖެނުއަރީ 13 ވަނަ ދުވަހު ބުލްޑޯޒަރު ބޭނުންކޮށްގެން ސްކޫލްގެ ފާރުތަކާއި ކުރިމަތީގައި ހުރި ފުރާޅެއް ތަޅާލިއެވެ.

ނައީމް ބުނާ ގޮތުގައި އޭނާ ވަނީ ސްކޫލް ހެދުމަށް ބޭނުންވާ ޕަންޗާޔަތުގެ އެން.އޯ.ސީ (NOC) ހޯދައި، އެޑިއުކޭޝަން ޑިޕާޓްމަންޓަށްވެސް ހުއްދައަށް އެދި ހުށަހަޅާފައެވެ.

"މިއީ އެންމެ ތިން މުސްލިމް އާއިލާ އުޅޭ އަވަށެއް. މިތަނުގައި މަދަރުސާއެއް ހިންގާނީ ކިހިނެއް؟ އަހަރެން މިތަން ހެދީ އަވަށުގެ ކުދިންނަށް ކިޔަވައިދޭން،" ނައީމް ރިޕޯޓަރުންނަށް ކިޔައިދިނެވެ. އޭނާ ބުނިގޮތުގައި ލިޔެކިޔުމެއްގައި މައްސަލައެއް އުޅޭނަމަ ޖޫރިމަނާއެއް ދައްކަންވެސް އޭނާ ހުރީ ތައްޔާރަށެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ނުދީ އިދާރާތަކުން ކުއްލިއަކަށް ތަން ތަޅާލީއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އިދިކޮޅު ޕާޓީތަކުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެފަރާތްތަކުން ބުނާގޮތުގައި މިއީ ވަކި ދީނެއްގެ މީހަކަށް ވާތީ، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހިންގި ބޭއިންސާފު އަމަލެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved